ޚަބަރު

އިންތިއަށް ތާއީދުކުރާތީ، ފެނަކައިގެ މުވައްޒަފަކަށް ވަޒީފާގެ ބިރު ދައްކާފައިވޭ: އެމްޑީޕީ

އަލީ ޔާމިން

1

އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު، އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރާތީ ފެނަކައިގެ މުވައްޒަފަކަށް ވަޒީފާގެ ބިރު ދައްކައިފައިވާ ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ބުނެފިއެވެ.

ގދ. ގައްދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި ގދ. ގައްދޫ، އޭޝިޔާ، އިލްހާމް ރަޝީދު އެކުންފުނީގެ މުވައްޒަފު ގދ. ގައްދޫ، ފުނަމާގެ، އާމިރު އަބްދުﷲ އަށް ފޯނުން ގުޅައި، ޗެއާޕާސަން ކެންޑިޑޭޓް އިމްތިޔާޒު ފަހުމީއަށް މަރުހަބާ ދެންނެވުމަށް ނުދިއުމަށާއި އިންތިހާބު ކަންކަމުގައި އިމްތިޔާޒު ފަހުމީއަށް ތާއީދު ނުކުރުމަށް އަންގައި، އިލްހާމް ރަޝީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާމިރު އަބްދުﷲ އަށް ބިރު ދެއްކި ކަމަށް ބުނެ އިންތިގެ ކެމްޕެއިން ޓީމް، ތިލަފަތުގެ ރަމްޒުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ކޮމިޓީގެ ނިންމުން މިއަދު ވަނީ އިންތިގެ ކެމްޕެއިން ޓީމަށް އަންގާފައެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ސޮއިކުރައްވައި އިންތިގެ ކެމްޕެއިން ޓީމަށް މިއަދު ފޮނުވި ސިޓީގައި ބުނީ، އިލްހާމް ރަޝީދުއާއި އާމިރު އަބްދުﷲ އާއި ދެމީހުންގެ ފޯން ކޯލްގެ އޯޑިއޯތަކާއި ވީޑިއޯ އިންޓަވިއު ރެކޯޑިންއަށް ބެލުމުން، އާމިރަށް ވަޒީފާގެ ބިރުއޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ހުށަހަޅާފައިވާ ފޯން ކޯލުގެ އޯޑިއޯ އަޑުއެހުމުން، އެރަށަށް ކެމްޕެއިން ދަތުރެއްގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓަށް މަރުހަބާ ދެންނެވުމަށް ނުނުކުތުމަށް އާމިރުގެ ވެރިޔަކަށް ހުރި އިލްހާމް ރަޝީދު ބުނެފައިވާ ކަމާއި އަދި އާމިރު އެނޫންގޮތަކަށް ނިންމުން އެކަމާއި އިލްހާމް ރަޝީދު ހިތްހަމަނުހިޖެފައިވާކަން ފާހަގަކުރެވެއެވެ. އިލްހާމް ރަޝީދު މަގާމުގެ ނުފޫޒު ބޭނުން ކުރުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވެއެވެ." އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ނިންމުމުގައިވެއެވެ.

އެ ކޮމިޓީން އިތުރަށް ބުނީ، ޕާޓީގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބުތަކުގައި ކޮންމެ މެންބަރަކަށް އެ މެންބަރަކު ތާއީދުކުރާ ފަރާތަކަށް ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އެމީހަކު ތާއީދުކުރާ ފަރާތަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ އިހްތިޔާރުވެސް ލިބިގެންވާ ކަމަށެވެ.

އިންތިގެ ކެމްޕެއިން ޓީމުން ވަނީ، ބ.ފެހެންދޫ ގާޑަން އަހްމަދު ޝަބީރު އަބްދުލް ސަމަދު އިންތިއަށް ތާއީދުކުރާކަން ހާމަކުރުމުން ފެނަކައިގެ ފެހެންދޫ ބްރާންޗް ހިންގުމުގެ މަސްއޫލިއްޔަތުން ވަކިކޮށް އެއްކިބާކޮށްފައިވާ މައްސަލަވެސް އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފައިވެއެވެ. އެ މައްސަލަ ބެލުމަށް ފަހު ކޮމިޓީން ބުނީ، ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރާކަން އާންމުކުރުމުން ޖެހިގެން އައި ދުވަހު ވަޒީފާއިން ސަސްޕެންޑް ކުރިކަން މައި އޮފީގެ ފަރާތުން ފޯނުން ގުޅާފައި އެންގުމާއި އޭގެކުރިން އެކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނެތުމުން ވަކިކެނޑިޑޭޓަކަށް ތާއިދުކުރާކަން ހާމަކުރުމަކީ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަން އޮތް ކަމެއްކަމަށް ޝަކުވާ ހުށަހެޅި ފަރާތަށް ގަބޫލުކުރެވޭނެކަން ފާހަގަކުރެވޭ ކަމަށެވެ އަދި މީހުންނަށް ވަޒީފާ ދިނުމާއި، ފިޔަވަޅުއެޅުމާއި އަދި އެނޫންވެސް ވަޒީފާ އާއި ގުޅުން ހުންނަ ކަންކަން ކުރުމުގައި އެކަމަށް އެކަށައަޅާފައިވާ ގާނޫނުގެ ތެރެއިން އަމަލުކުރުމަކީ މުހިއްމު ކަމެއްކަމަށްވެސް ކޮމިޓީން ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، އެ އިންތިހާބު ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހަށް ފަސްކޮށްފައެެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟