ޕަލަސްތީނުގެ ގުދުސްގައި އިޒްރޭލުން ހިނގި ހަމަނުޖެހުންތައް ރާއްޖެއިން ޔުނައިޓެޑް ނޭޝަންސް ސެކިއުރެޓީ ކައުންސިލް (ޔޫއެންއެސްސީ)، އދ. ގެ ސަލާމަތީ މަޖިލީހުގައި ކުށްވެރިކޮށްފިއެވެ.
ސަލަމާތީ މަޖިލީހުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އދ. ގައި ހުންނަ ރާއްޖޭގެ އޮފީހުގެ ޑެޕިއުޓީ ޕާމަނެންޓް ރެޕްރެޒެންޓިވް ޑރ. އިބްރާހީމް ޒުހުރީ ވިދާޅުވީ، އަލްއަގްސާ މިސްކިތާއި ހަރަމުއްޝަރީފްގައި ދާދިފަހުން ހިންގި ހަމަނުޖެހުންތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ސަލާމަތީ މަޖިލީހުގައި ރާއްޖެއިން ދިން ބަޔާނުގައި، ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިފައިވާ އިޒްރޭލް މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ހައްގުތައް ގެއްލި އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭކަން ފާހަގަ ކޮށްފައިވެއެވެ.
އަދި މިފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތް އަވަސްކޮށް، ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަންފީޒުކުރުން އަވަސްކުރަން ޖެހޭކަން އެނގިގެން ދިޔަ ކަމަށްވެސް ރާއްޖެއިން ވަނީ ބުނެފައެވެ.
ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން ފަލަސްތީނުގެ ހުރުމަތްތެރިވެގެންވާ ބައިތުލްމަގްދިސް، އިޒްރޭލުގެ ބާރުގެ ދަށަށް ގެންދިޔުމާއި ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައި، އެރަށަށް އެމްބަސީތައް ބަދަލުކުރުންފަދަ ކަންކަމީ، ބާތިލް އަދި ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށްވެސް ނިންމާފައިވާކަން ރާއްޖެއިން ފާހަގަކުރިއެވެ.
ހަމައެއާއެކު 1967 ވަނަ އަހަރުގެ ފަހުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ބަލައި ނުގަތުމަށް ސަލަމާތީ މަޖިލީހުގެ 2334 ވަނަ ގަރާރުން ފާސްކޮށްފައިވާކަން ވެސް ރާއްޖެއިން ފާހަގަކުރިއެވެ.
މި ގަރާރުތަކަށް އަމަލުކޮށް ގަރާރުތަކަށް ގައުމުތަކުން ބޯލަނބާތޯ ސަލާމަތީ މަޖިލީހުން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި އެ މަޖިލީހާ މެދު އޮންނަ އިތުބާރު ބިނާވެފައިވަނީ އެކަމަށް ކަމަށްވެސް ރާއްޖޭން ވަނީ ބުނެފައެވެ.
މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށާއި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުމަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުން އިއްޔެވެސް ސަލާމަތީ މަޖިލީހުގައި ވަނީ ތަކުރާރުކޮށްފައެވެ.