ޚަބަރު

އާސަންދަ އަދި އެންސްޕާގެ ހިދުމަތްތަކަށް އައިޖީއެމްއެޗްގައި ޑިސްޕެޗް ކައުންޓަރެއް ގާއިމްކޮށްފި

މަރިޔަމް ޝަހުދާ

އާސަންދަ އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ހިދުމަތްތަކަށް އައިޖީއެމްއެޗްގައި ޑިސްޕެޗް ކައުންޓަރެއް ގާއިމްކޮށްފި އެވެ.

އައިޖީއެމްއެޗްގައި މިއަދު ގާއިމްކުރި އެ ޑިސްޕެޗް ކައުންޓަރަކީ އައިޖީއެމްއެޗްގެ އިތުރުން އާސަންދަ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ގުޅިގެން އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ގާއިމްކުރި ޑިސްޕެޗް ކައުންޓަރެކެވެ.

މިއަދު އައިޖީއެމްއެޗްގައި ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތަކާއެކު ޑިސްޕެޗް ކައުންޓަރު ރަސްމީކޮށް ވަނީ ހުޅުވާލައިފައެވެ. މި ރަސްމިއްޔާތައްފަހު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދާޅުވީ އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. މީގެ އިތުރުން މި ކައުންޓަރު ގާއިމް ކުރެވުމުން ސަރުކާރުގެ ރަސްމީ ގަޑި ނޫން އިތުރު ގަޑިތަކުގައިވެސް ފަސޭހައިން އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް ލިބޭނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިދާތާ ވަނީ އައިޖީއެމްއެޗްގައި މި ކައުންޓަރު ގާއިމް ކުރުމަށް އައިޖީއެމްއެޗުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

މިކައުންޓަރުން އާސަންދަ އަދި އެންސްޕާގެ ފޯމުތައް ބަލައިގަތުމާއި އެންސްޕާ އަދި އާސަންދައަށް ފޯމުތައް ފޮނުވައިދިނުމުގެ ހިދުމަތް ލިބެ އެވެ. މީގެ އިތުރުން އާސަންދަ އާއި އެންސްޕާގެ ހިދުމަތްތަކުގެ މައުލޫމާތު ސާފުކުރުމާއި، މި ދެ އިދާރާއާ ގުޅޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ހިދުމަތް ވެސް މި ކައުންޓަރުން ލިބެ އެވެ. އާސަންދަ އަދި އެންސްޕާގެ މުވައްޒަފުން މަސައްކަތް ކުރާ މިކައުންޓަރުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު އަށަކުން ރޭގަނޑު ނުވައަކަށެވެ.