ޚަބަރު

ފިތުރު އީދު ދުވަހު މާލޭގައި ހަތަރު ގަޑިއިރަށް ވެހިކަލް ދުއްވުން މަނާ

މުހައްމަދު އިޝާން

ފިތުރު އީދު ދުވަހު ހަތަރު ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި އީދު ދުވަހު މާލެ އާއި ހުޅުމާލޭގައި ވެސް ހިނގާފައި އުޅޭނެ ވަކި ވަގުތެއް ކަނޑައަޅައިދޭން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު އައިމިނަތު ޔުމްނާއެވެ.

ޔުމްނާގެ އެ ހުށަހެޅުމަށް ކައުންސިލްގެ އެހެން މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން ބޮޑުވެފައެވެ. އެއީ މާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފިނަމަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިވާނެކަމަށް ބުނެ އެހެން މެމްބަރުން ހިޔާލު ހުށަހެޅުމުންނެވެ. ހުޅުމާލޭ ފޭސް ދޭއް ސަރަހައްދުގައި ޒަރޫރީ ކަންކަން ހަމަނުޖެހޭއިރު ވަކި ވަގުތަކަށް ވެހިކަލް ދުއްވުން މަނާކުރުމުން އެކަމުގެ ދަތިތައް ކުރިމަތިވާނެ ކަމަށް މެމްބަރުން ހިޔާލު ދިނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން ވިދާޅުވީ، އެކި މީހުންނަށް ޒަރޫރީ ކަންކަން ޖެހޭނީ އެކި ވަގުތު ކަމަށާއި، އެހެންކަމުން ވެހިކަލް ދުއްވުން ވަކި ވަގުތަކަށް ހާއްސަކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

ނަމަވެސް އައިފާން ވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު ހުށަހެޅުއްވުމަށް ތާއީދުކުރެއްވުމުގެ ބޭނުމުގައެވެ.

ޒަމީރު ހުށަހެޅުއްވީ މާލެއަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވާތީ އީދު ދުވަހުގެ ހަވީރުގެ ވަގުތު އާއިލާތަކާއެކު ހަމަޖެހިލައިގެން މަގުމަތީގައި އުޅެވޭނެ ފުރުސަތު ހޯދައިދިނުމަށް ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން މަނާކުރާ ގޮތަށެވެ.

ޒަމީރުގެ އެ ހުށަހެޅުން ކައުންސިލުން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރުމުން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކައުންސިލުގެ ނިންމުން ތަންފީޒުކޮށްދިނުމަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.

ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން މަނާވިޔަސް އެމަޖެންސީ ހާލަތުގައި ވެހިކަލްތަކާއި އެމްބިއުލެންސް އަދި ސަލާމަތީ ހިދުމަތްތައް ފަދަ ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތަކަށް ހުއްދަ ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.