ޚަބަރު

ނަފްސާނީ މައްސަލަ އެންމެބޮޑީ ފުރާވަރު ކުދިންގެ ތެރޭގައި: އެޗްޕީއޭ

މުހައްމަދު އައުޒަމް

ނަފްސާނީ ބަލީގެ މައްސަލަ އެންމެ ބޮޑީ ފުރާވާރު އުމުރުގެ ކުދިންގެ ތެރޭގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ދުނިޔޭގެ ނަފްސާނީ ބަލިމީހުންގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ރިޕޯޓުގައި ވާގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އެބަލިތަކަށް ހުށަހެޅެނީ އުމުރުން 14 އަހަރުގަ އެވެ. އެހެންނަމަވެސް މިބަލިތައް ދެނެގަނެ މިބަލިތަކަށް ފަރުވާހޯދާ މީހުންގެ މިންވަރު މަދުކަން ފާހަގަ ކޮށްފައިވެއެވެ. ނަފްސާނީ ބަލިތަކާއި އެބަލިތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ތެރެއިން ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި އެންމެ ގިނައީ ޑިޕްރެޝަން ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ދެވަނަޔަށް އެންމެ ގިނައީ ނަފްސާނީ ބަލިތަކާ ގުޅިގެން ދިމާވާ ކަންތައްތައް ތަހައްމަލު ނުކުރެވި އަމިއްލަޔަށް މަރުވުމުގެ މައްސަލައެވެ. މިމައްސަލަ އެންމެ އާންމު އުމުރުފުރާ އަކީ 15 އަހަރާއި 29 އަހަރާއި ދެމެދެވެ. އަދި މިކަންކަމުގެ ތެރެއިންވެސް އެންމެ ކަންބޮޑުވާ ކަމަކީ ފުރާވަރު އުމުރުގެ ކުދިން މަސްތުވާ ތަކެއްޗަށް ހުށަހެޅޭ މިންވަރު އިތުރުވެ ނޭދެވޭ ކަންތައްތައް ކުދިންގެ މެދުގައި އިތުރުވުން ކަމަށްވެސް އެރިޕޯޓުގައި ވެއެވެ. އަދި މިކުދިންގެ ތެރޭގައި ނަފްސާނީ ބަލިތައް ދެނެގަނެ އެކަންކަމަށް އެހީތެރިވޭވޭނެ ގޮތްތަކެއް ހޯދުމަކީ މުހިއްމު ކަމެއްކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ކުރީ ކޮޅުގައި ދެނަގަތުމަށް ބެލެވެރިންނާއި ޓީޗަރުންގެ އެހީތެރިކަން ހޯދިދާނެކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ގޭތެރޭގައްޔާއި ސުކޫލުތަކުގައި ކުދިންނަށް ދިމާވާ ކަންތައް ދެނެގަނެ އެކުދިން އެކަމުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެވޭނެކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. މުޖުތަމައުގައި ދިމާވާ ކަންތައްތަކުގައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުދީންނަށް ސައިކޯ ސޯޝަލްގެ އެހީތެރިކަން ފޯރުކޮށްދީ ނަފްސާނީ ބަލި ދެނަގަނެ އެކަމަށް ފަރުވާ ދޭނެ ގޮތްތަކާބެހޭ ގޮތުން ސިއްހީ އެހީތެރިން ތަމްރީނު ކުރުމަކީވެސް މުހިއްމު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. މިކަންކަމަކީ ސަރުކާރާއި ސަރުކާރުގެ އެހެނިހެން މުއައްސަސާ ތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމެއްކަމަށް އެރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.