ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދު ކުރުމާއި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި ރާއްޖޭން، ތަސްދީގުކުރުމަށް ޓަކައި މަޖިލީހަށް ފޮނުވާފައިވާ ފްރޭމް ވޯކް އެގްރީމެންޓް ފޮ އެސްޓެބްލިޝިންގ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް، ތަސްދީގު ކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަަމަ ދައުރުގެ ޖަލްސާތައް މިއަދު ފަށައިފައިވާއިރު، ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ވާގޮތުގެ މަތިން އިންޓަނޭޝަނަލް ސޯލާ އެލަޔަންސް ތަސްދީގު ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އެ މައްސަލަ ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
މިއަދުގެ ޖަލްސާގައި އެކަމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށްއެދިވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު އަމީން އާއްމު މަޖިލީހުގެ ތަޅުމަށް އިއްވެވުމުން އެ މައްސަލަ ދިރާސާކުރުމަށް ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އިއުލާން ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު 9:00ގައި ފެށިއިރު ޖަލްސާއަށް ވަޑައިގެން ތިއްބެވީ 39 މެންބަރުންނެވެ.
މިއަދުގެ ޖަލްސާގައި، ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.