މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާއަކަށް 1.488 ރުފިޔާ ބަހަން އެ ބޭންކުގެ ބޯޑުން ފާސްކޮށްފިއެވެ.
އެމްއައިބީން މިއަދު ބުނީ، 1.488 ރުފިޔާގެ މަގުން ޖުމްލަ 33 މިލިއަން ރުފިޔާ ބަހަން އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 33 މިލިއަން ރުފިޔާ ބެހުމަށްޓަކައި އާންމު އަހަރީ ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ނިންމީ މި މަހުގެ 24 ބޭއްވި ބައްދަލުވުމެއްގައެވެ.
އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އެ ބޭންކުން އަދި އިއުލާންކޮށްފައެއްނުވެއެވެ.
ދެހާސް ވިހި ވަނަ އަހަރު އެމްއައިބީން ހިއްސާއަކަށް ބަހާފައިވަނީ 1.225 ރުފިޔާއެވެ.
އެމްއައިބީއަކީ ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާ އެކު 2011 ވަނަ އަހަރު ހުޅުވި ބޭންކެކެވެ.
ނަމަވެސް، ފަހުން ސަރުކާރުން ވަނީ 10 ޕަސެންޓް ހިއްސާ އިތުރަށް ގަނެ، ސަރުކާރުގެ ހިއްސާގެ ނިސްބަތް 25 ޕަސެންޓަށް އިތުރުކޮށްފައެވެ.