އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް އާޓްސް އެންޑް ލޭންގުއޭޖް އިން އިންތިޒާމުކޮށްގެން 30 ދުވަހުގެ މުއްދަތަށް "އޮފީސް ދިވެހި" ގެ ނަމުގައި ހިންގި ކުރު ކޯހުގައި ބައިވެރިވެ، ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ހަފުލާއެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ. އެވިޑް ކޮލެޖުން ހިންގި މި ކުރު ކޯސް " އޮފީސް ދިވެހި" ކޯހުގައި މިފަހަރު ސެޓުފިކެޓް ހާސިލުކުރީ 17 ފަރާތެކެވެ.
އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި އޮފީސް ދިވެހި ކޯހަކީ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމާއި ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކަށް އަހުލުވެރިކޮށް ކުށެއް ނެތް ސާފު ދިވެހި ބަހުން ވާހަކަދައްކައި، ލިޔުމަށް މަގު ފަހިކޮށްދީ، އެކަންކަމުގެ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ކޯހެކެވެ.
ކޯހުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި ބަހަކީ ކޮބައިކަމާއި، ދިވެހިބަހަކީ ކޮބާއިކަމާއި، ބަހާއި ސަގާފަތާ ހުރި ގުޅުމާއި، ބަހުގެ ދަރަޖަތަކާއި، ދިވެހިބަހުގެ ގަވާއިދުގެ ތަފާތު ބައިތަކާއި، އޮފީސްތަކުގައި ބޭނުންކުރާ އެކިއެކި ލިޔުންތައް ތައްޔާރުކުރުމާ ގުޅޭ ގިނަ ބައިތަކެއް ހިމެނެއެވެ.
ކޯހުގައި ކިޔަވައިދެއްވި ދަސްވާރުންގެ ތެރޭގައި ފެކަލްޓީ އޮފް އާޓްސް އެންޑް ލިޓްރޭޗާގެ ޑީން އަދި ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ އާއި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި، އެވިޑް ކޮލެޖުގެ ވައިސްރެކްޓާ އަހުމަދު ފަޔާޒް ހަސަނާއި އެވިޑް ކޮލެޖުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޒީމާ އަބްދުﷲ އާއި ދިވެހިރާއްޖޭގައި ބަހުގެ ދިރާސާތައް ކުރެއްވުމުގެ އެންމެ އުހުގައި ހުންނެވި ބޭފުޅެއްކަމުގައިވާ އެވިޑް ކޮލެޖުގެ ލެކްޗަރާ އިޔާޒް ނަސީމް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖުގައި އެކިއެކި ކޯސްތަކުގައި 2000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.