ހައިކޯޓު

ކަފާލާތުގެ ދަށުން ގާޒީ ނިހާން ދޫކޮށްލެވެން ނެތް ކަމަށް ނިންމައިފި

އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން، ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވީ ހައިކޯޓުގެ ގަވާއިދުގެ 67 ވަނަ މާއްދާއާ ހަވާލާދީ ކަފާލާތުގެ ދަށުން ނިހާން ބަންދުން ދޫކޮށްލުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅެމަށް ބައްލަވައި، އޭނާ ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ފަނޑިޔާތުންގެ ބެންޗުން ނިންމާފައިވާ ކަމަށެވެ.

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބުދުﷲ ޔާމީން ހައްޔަރުކޮށް، ރަހީނު ކުރަން އުޅުނު ކަމަށް ބުނެ ނިހާންގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވައިފައެވެ. ނިހާނަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެއެވެ.

ނިހާންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ މާމިގިލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ގާޒީ ނިހާން ކޯޓު އަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ އަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ނުރައްކާތެރިކަމާ މެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލިއެވެ. އެއީ އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށްޓަކައި ލިއުމެއް އުފެއްދިކަމުގެ ދައުވާއާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށިގެންނުވާ އަމަލެއް ހިންގި ކަމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރިވެ އެފަދަ އަމަލެއް ހިންގުމުގެ ދައުވާއެވެ.