މިއަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ކުރިމަތިލުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ މުއްދަތު އޭޕްރިލް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކުރީން އެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޝަރުތުތަކާއި އެ ފަރާތްތަކަށް ލިބޭ އުޖޫރައިގެ މައުލޫމާތުވެސް ވަނީ އިލެކްޝަނުން ހާމަކޮށްފައެވެ.
އޮފިޝަލުންގެ ގޮތުގައި ހޮވޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއި އެއްވެސް ސިޔާސީ ޕާޓީގެ މެންބަރަކަށް ނުވުމާއި ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ.
އެ ފަރާތްތަކަށް ކަނޑައަޅާފައިވާ އުޖޫރައިގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް، ވޯޓުލާ ދުވަހަށް 1،500 ރުފިޔާ
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް، ވޯޓުލާ ދުވަހަށް 1،200 ރުފިޔާ
އޮފިޝަލުންގެ ގޮތުގައި ހަރަކާތެރިވާ އެހެން ފަރާތްތަކަށް، ވޯޓުލާ ދުވަހު 1،000 ރުފިޔާ
ރިސާރވް އޮފިޝަލަކަށް، ވޯޓުލާ ދުވަހަށް 500 ރުފިޔާ