އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފެނަކަ ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާއަށް ނުވަތަ އާމްދަނީއަށް އަސަރުކުރި މީހުންނަށް އެހީ ދިނުމަށް ހިންގާ އިންކަމް ސަޕޯޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގައި އެމްއޭސީއެލާއި ފެނަކައިން ބައިވެރިވީ މިއަދުއެވެ. އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ޕްރޮގްރާމް ހިންގަން އެ ދެ ކުންފުންޏަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން، އެމްއޭސީއެލުން އެސިސްޓަންޓް ޓެކްނީޝަން ފެންވަރުގައި މީހުން ތަމްރީންކުރާނެއެވެ. އެގޮތުން އިލެކްޓިކަލް، ވެލްޑިން އަދި ރެފްރިޖެރޭޝަންގެ ދާއިރާއިން އެމްއޭސީއެލުން ޒުވާނުން ތަމްރީނުކުރާނެއެވެ.
ފެނަކައިން ޒުވާނުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ފެން ޕްލާންޓް އަދި ނަރުދަމާގެ ނިޒާމު އޮޕަރޭޓުކުރުން، ކަރަންޓު ވަޔަރުކުރުން އަދި މެއިންޓަނަންސް މަސައްކަތުގެ ދާއިރާއިންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވެސް ވަނީ އިކޮނޮމިކް މިނިސްޓްރީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ސޮއިކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީ ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ވަޒީފާގެ ބާޒާރަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ބޭނުންވާ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދޭނެ ކަމަށާއި، ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީ އާއި މަސައްކަތް ކުރާ ގޮތުގެ ރިވިއު ރިޕޯޓެއް ކޮންމެ މަހަކު އެ ކުންފުނިތަކުން މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަހަރުގެ ނިޔަލަށެވެ،