ޚަބަރު

ދިޔަމިގިލި މިސްކިތުގެ މުދިމަށް ވަޅިން ހަމަލާދިން މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

މުހައްމަދު އިޝާން

ތ. ދިޔަމިގިލި މިސްކިތުގެ މުދިމު އަހުމަދު ރަަޝީދު (55އ) އަށް ވަޅިން ހަމަލާދިން މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެ ރަށު މަސްޖިދުލް އަމާނާތުގެ ވަގުތީ މުދިމު އަހުމަދު ރަޝީދަށް ވަޅިން ހަމަލާދިނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައެވެ. އޭނާއަށް ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދިނެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އަހުމަދު ރަޝީދުގެ ހަށިގަނޑުގެ 13 ތަނަކަށް ވަޅި ޖަހާފައިވެއެވެ. އޭގެ ތެރޭގައި ބޮލާއި ކަރާއި ކޮނޑުމައްޗާއި ބުރަކަށި ހިމެނެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު މިއަދު ހަވީރު "ވަން" އަށް ވިދާޅުވީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން ސަމީދުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މިއަދު ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު ދައުވާކުރުމާ މެދު ގޮތެއް ކަނޑައަޅާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ސަމީދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. މުދިމަށް ހަމަލާދިނީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ.

މުދިމަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވިއެވެ. 15 ސިކުންތުގެ އެ ވީޑިއޯގައި އަހުމަދު ރަޝީދު ބައިސްކަލުގައި ހުންނަ ތަން ފެނެއެވެ. އަދި ބައިސްކަލުގެ ކުރީ ފުރޮޅު ކައިރީގައި، މައްސަލައިގައި ތުހުމަތުކުރެވޭ ސަމީދު ހުއްޓިގެން ހުރެ ވާހަކަ ދައްކާ ތަން ފެނެއެވެ.

އެއަށްފަހު ސަމީދު އޭނާގެ ކަނާއަތު ޖީބުގައި އޮތް ވަޅި ނަގައި އަހުމަދު ރަޝީދަށް ހަމަލާދޭން ފަށައެވެ. ފަސް ފަހަރު ވަޅިން ހަމަލާދީ، ބައިސްކަލުގައި އިން އަހުމަދު ރަޝީދު ވެއްޓުމުން ސަމީދު މަޑު ދުވުމެއްގައި ކުރިއަށްދާ މަންޒަަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް ހަމަލާތަކުގެ ސަބަބުން ވެއްޓިފައި އޮތް އަހުމަދު ރަޝީދުގެ ހަރަކާތް ކުރާތަން ފެނުމުން ދެވަނަ ފަހަރަށް ގޮސް އަނެއްކާ ވަޅި ހަރަން ފަށައެވެ. ދެވަނަ ފަހަރު ވަޅި ހެރީ ހަ ތަނަކަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަހުމަދު ރަޝީދުގެ ގައިގެ 11 ތަނަކަށް ވަޅި ހެރީ އެންމެ 15 ސިކުންތުގެ ތެރޭގައެވެ. ގައިގެ އެކި ތަންތަނަށް ވަޅި ހެރުމަށް ފަހު ސަމީދު މަޑު ހިނގުމެއްގައި ދުރަށް ދެއެވެ. އަދި ގެއެއްގެ ފާރު ބޭރުގައި އެއްޗެހިތަކެއް އަޅާފައި ހުރި ހުދުކުލައިގެ ބޮޑު ގޯންޏެއްގައި ވަޅި ހާކާލައި، ލޭތައް ފޮހެލައެވެ.