ޚަބަރު

130 ކިލޯގެ ޑުރަގް ކޭސް: ބޮޑުންކަމަށް ތުހުމަތުކުރެވޭ މީހުން ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

މުހައްމަދު އިޝާން

ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރާ ގއ. ވިލިގިނލި، ލައިޓްހައުސް، ޝަހީބް އިބްރާހީމާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހުމަދު މޫސާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ ކޯޓަށް އެއްބާރުލުން ދިނުމާއި ހުއްދަ ނެތި މާލެއިން ބޭރަށް ނުދިއުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތުކޮށް ދެ މަސް ދުވަހުގެ މުއްދަތަކަށެވެ.

ކުރިމިނަލް ކޯޓުގައި ވާހަކަދައްކަމުން ޝަހީބު ބުނެފައިވަނީ، ޖަލުގައި ތިބޭ އެންމެން، ކޮންމެ ދެ ހަފުތާއަކު ޑޮކްޓަރަށް ދައްކާ އުސޫލުން އޭނާވެސް ޑޮކްޓަރަށް ދައްކާ ކަމަށެވެ. ނަމަވެސް އެކިއެކި ސިއްހީ މައްސަލަތައް ދިމާވާތީ ކަމާ ބެހޭ ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖަލުގެ ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަނުން އެގޮތަށް އެކަން ނުކުރާ ކަމަށް ވެސް ބުންޏެވެ.

އަހުމަދު މޫސާގެ ވަކީލު އާދަމް ޝަމީމު ވިދާޅުވެފައިވަނީ، ޖަލުގައި ހުންނަ މީހާ މަރުގެ ތުންފަތް މައްޗަށް ދިއުމުން ނޫނީ ބަންދުން ދޫނުކުރެވޭ ގޮތަށް މަތީ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ. އެ ދެމީހުން ދޫކޮށްލީ އެ ސަބަބުތަކުގެ މައްޗަށެވެ.

އެ ދެމީހުން ކުރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވަނީ މިމަހުގެ 13 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ހައި ކޯޓުގައި ވިދާޅުވެފައިވަނީ، ބަންދުން ދޫކޮށްލި ޝަހީބާއި އަހުމަދުގެ ފަރާތުންވެސް އަވަސް ފަރުވާދޭން ޖެހޭ ސީރިއަސް ބައްޔެއް ހުރިކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ. އެ ދެމީހުންގެ ހާލު މިހާރު ރަނގަޅު ކަމަށާއި، އޭގެ ތެރެއިން ޝަހީބުގެ ފަރާތުން ފާހަގަކުރި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން ޖަލުގެ ޑޮކްޓަރުންނަށް ދައްކައި، ބޭސްފަރުވާ ފޯރުކޮށްދީފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

ނަފްސާނީ މައްސަލަތަކަށް ކައުންސެލިން ނުދޭ މައްސަލައިގައި ދައުލަތުން ވިދާޅުވެފައިވަނީ، ކޮންމެ ތިން މަހަކުން އޭނާ ރިވިއުއަށް ގެނެސް ބޭސްދެމުންދާ ކަމަށެވެ. ސައިކޯ ތެރަޕީ ކައުންސެލިންއަށް އޭނާ ފަހުން ރިފާކޮށްފައިވާ ކަމަށާއި، އެގޮތުން ރޯދަމަސް ނިމުމާއެކު ކައުންސެލިން ފެށޭނެ ކަމަށް ކަރެކްޝަނާ ހަވާލާދީ ދައުލަތުން ވިދާޅުވެފައިވެއެވެ. އަދި ޝަހީބުގެ ކޭސް އާޖެންޓް ކޭސްއެއްގެ ގޮތުގައި ރިފާކޮށްފައި ނުވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އެމީހުންގެ މައްސަލައިގައި ހިމެނޭ ހެކިންނަކީ އެމީހުންނާ އެކުގައި އުޅޭ މީހުންކަމަށްވުމާއެކު، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް ބޮޑުކަމަށް ދައުލަތުން ފާހަަގަކުރިއެވެ. އަދި އެ ދެމީހުން ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ހާލަތެއް ވުޖޫދުވެފައި ނުވާކަމަށް ވެސް ދައުލަތުން ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން ޝަހީބުގެ ދިފާއީ ވަކީލު މަހްފޫޒު ސައީދާއި އަހުމަދު މޫސާގެ ވަކީލު އާދަމް ޝަމީމު ވިދާޅުވެފައިވަނީ، އެ ދެ މީހުން ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރީ ހައި ކޯޓުގެ ގަޒިއްޔާއަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ދިފާއުން ވަނީ ވިދާޅުވެފައިއެވެ.

އެ މައްސަލައިގެ ބެލުމަށްފަހު ހައި ކޯޓުން މިއަދު ހުކުމްކުރީ، ބަލި ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލެވިދާނެކަން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ބަޔާން ކޮށްފައިވީނަމަވެސް، އެގޮތަށް ބަންދުން ދޫކޮށްލުމުގައި ބަލަންޖެހޭ ޝަރުތުތަކެއް ހުންނަ ކަމަށެވެ. ނަމަވެސް އެ ޝަރުތުތައް މި މައްސަލައިގައި ނެތްކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ ފުރާނައަށް ނުރައްކާވެދާނެ ބައްޔެއް ހުރިކަން ބަޔާންކޮށް އެއްވެސް ސިއްހީ މާހިރަކު އެ ދެ މީހުންނަށް ލިޔުމެއް ދީފައިނުވާ ކަމަށާއި، އަދި ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ނުދެވޭކަން އަންގާ ލިޔުމެއް ވެސް ދީފައިނުވާ ކަމަށެވެ. މީގެ އިތުރުން، ސިއްހީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވިފައިނުވޭތޯ ބަލާ އިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއް ނުވަތަ އެނޫންވެސް ފަރާތެއްގެ ސިއްހީ ހާލަތަށް ބަލައި ބަންދުން ދޫކޮށްލަންޖެހޭ އުސޫލެއް ނެތްކަމަށް ހުކުމުގައި ބުންޏެވެ.

ބަންދު މުރާޖައާ މަޖިލީހަކީ މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް)ގެ ޒިންމާ އަދާކުރާ މިންވަރު ބަލައި، އެކަމަށް ފަނޑިޔާރު ގޮތް ނިންމަވަންޖެހޭ ފަދަ މަޖިލީހެއް ނޫން ކަމަށާއި، އެފަދަ މައްސަލަތަކުގައި އެކި ގާޒީން އެކި ގޮތަށް ނިންމެވުމުގެ ސަބަބުން ތަފާތު ނުކުރުމުގެ ހައްގަށް އުނިކަން އަންނަކަމަށް ހުކުމުގައި ބުންޏެވެ. އަދި ކަރެކްޝަންސްގެ ޒިންމާ އަދާނުކުރުމާ ގުޅޭ މައްސަލަތައް މީގެ ކުރިންވެސް ސިވިލް ކޯޓަށް ހުށަހެޅި ބަލާފައިވާ ކަމަށް ހުކުމުގައި ބުންޏެވެ.

އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ އެ ދެ މީހުން ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކަމަށެވެ.

މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އިސްފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން ޝަހީދެވެ.