ޚަބަރު

އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީސް ފަޅާލައި ވަގަށް ނެގި ތިޖޫރީ ހޯދައިފި

އަހުމަދު ޖައިޝަން

އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީސް ފަޅާލައި ވަގަށް ނެގި ތިޖޫރީ ހޯދައިފި އެވެ.

މި މަހުގެ ފަސްވަނަ ދުވަހު ވަގަށް ނެގި ތިޖޫރީ ފެނިފައިވަނީ އައްޑޫ ސިޓީ ހިދަތޫ ރީޖަނަލް ހޮސްޕިޓާ ދިމާލު ފުއްޓަރު ފަރާތުގެ ވަލުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ސަރަހައްދު މިއަދު ބަލާ ފާސްކޮށްފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ކަމަށެވެ.

މިއަދު އެ ތިޖޫރީ ފެނިފައިވާއިރު އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކުވެސް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން" އަށް ވިދާޅުވީ އެއީ ތަހުގީގުކުރަމުން ގެންދާ މައްސަލައަކަށް ވުމުން އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި އެ ތިޖޫރީ ވަގަށް ނަގައިގެން ގެންދިޔައިރު އޭގައި 50،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހުއްޓެވެ.

އެ އޮފީހުގެ ތިޖޫރި ވަގަށް ނަގާފައިވަނީ، އޮފީހުގެ ދޮރު މަތާލައިގެން ވަދެ އެވެ.