ރާއްޖޭގައި ކޮވިޑުގެ އަދަދުތައް ދަށްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުން ފެށިގެން އުވާލާފައިވާތީ މާދަމާއިން ފެށިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީގެ ކޯލް ސެންޓަރު (1676)ގެ ހިދުމަތް ހަމަ އެކަނި ރަސްމީ ގަޑީގައި ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިހާރު 24 ގަޑިއިރު ހިދުމަތް ދެމުން އައި ކޯލް ސެންޓަރުގެ ހިދުމަތް މާދަމާއިން ފެށިގެން ހަމައެކަނި ރަސްމީ ގަޑީގައި ދޭގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ބަދަލާއެކު ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތަކުން ކޯލް ސެންޓަރާ ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން ނުވަތަ ޑައިރެކްޓް ކޮންޓެކްވެގެން ކަރަންޓީންގައި ތިބޭ މީހުން ސިއްހީ ފަރުވާ ހޯދަން ޖެހޭ ހާލަތްތަކުގައި އެންމެ ކައިރީގައި ހުންނަ ހޮސްޕިޓަލަކަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ. އަދި ކުއްލިއަކަށް ހާލުބޮޑުވެ، އެމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތްތައް އެމަޖެންސީ މެޑިކަލް ސާވިސް ނަންބަރު 100 އަށް ގުޅުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
ރޯދަ މަހު ސަރުކާރު ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. އަދި އެހެން މަސްތަކުގައި ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 2:30 އެވެ.