ކުރީގެ ދައުލަތުގެ މީޑިއާ ކަމަށްވާ އެމްއެންބީސީ އާއި މިހާރު ހިންގާ ޕީއެސްއެމް އިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނިތައް 200 މިލިއަން ރުފިޔާއާ ހަމަވާ ކަމަށާއި މިހާރު ދަރަނިތައް ދައްކަން ފަށާފައިވާ ކަމަށް ޕީއެސްއެމް އިން ބުނެފިއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ ޕީއެސްއެމްއިން ދަރަނި ދައްކަން ޖެހޭ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ އާއި ސްޓެލްކޯ ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދަރަނިތަކުގެ ތެރެއިން ބޮޑެތި ދަރަނިތައް ދައްކަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބިޒްނަސް އިމޭޖް ގްރޫޕް(ބިގް) އަށް ދައްކަން ހަމަޖެހިފައިވާ 78 މިލިއަން ރުފިޔާގެ ތެރެއިން މިހާރު ވަނީ 30 މިލިއަން ރުފިޔާ ދައްކާފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ބިގް އަށް ދައްކަން ޖެހޭ ފައިސާތައް އަންނަ އަހަރު ނިމުމުގެ ކުރީން ދައްކައި ނިންމަން ޖެހޭ ކަމަށެވެ.
އެމްއެންބީސީން ބިގް އަށް 78 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ.
އެ ހުކުމުގައި ބުނެފައި ވަނީ، ދެކުންފުނީގެ ދެމެދުގައި 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
އެ އަދަދު 78 މިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ ފައިސާ ގަވާއިދުން ނުދެއްކުމުން ކަމަށްވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.