ޚަބަރު

ހިންނަވަރު ރައްޔިތުންނަށް ދިމާވާ ދަތިތައް ރައީސަށް ހިއްސާކުރައްވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޅ. އަތޮޅު ހިންނަވަރު ކައުންސިލު މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ރައީސް ސޯލިހު އެ ރަށު ކައުންސިލާ ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރު ފަހުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ހިންނަވަރު ތަރައްގީ ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ދަތިތަކާ ގުޅޭގޮތުން ރައީސަށް ވަނީ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އެގޮތުން އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުގެ ދަތިކަމާއި ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

އޭގެ އިތުރުން ރަށުގައި ފުޓުބޯޅަދަނޑާއި ޒުވާނުންގެ މަރުކަޒު އިތުރަށް ތަރައްގީކުރަން ރަށުގެ ޒުވާނުން ބޭނުންވެފައިވާކަން ކައުންސިލުން ވަނީ އެ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

އަދި ފެރީގެ ނިޒާމު ހަރުދަނާކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށާއި ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން ވަނީ އެ ބައްދަލުވުމުގައި އެދިފައެވެ.