އަލީ ޔާމިން
އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދަން އިކޮނޮމިކް މިނިސްޓްރީން އެމްޓީސީސީއާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ވެމްކޯއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އެމްޓީސީސީގެ ފަރާތުން ސީއީއޯ އާދަމް އާޒިމް ސޮއިކުރެއްވި އިރު، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެ އެއްބަސްވުންތަކުގެ މަގުސަދަކީ "މޯލްޑިވްސް ކޮވިޑް 19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް (MCEISP)"ގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އެފަރާތްތަކަށް ފަހިކޮށްދިނުމެވެ.
އެމްޓީސީސީއާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، ޕްރޮގްރާމަށް ޝަރުތު ހަމަވާ ގޮތުގެ މަތީންނެވެ.
މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރީއާއި އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް، ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވޭނެއެވެ. އެމްއޯޔޫގެ މުއްދަތަކީ މިއަހަރުގެ ނިޔަލެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް ސެޓްފިކެޓެއް ދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެޗްޑީސީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 100 ފަރާތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ސީ-3 ލެވެލްގެ ސަނަދު ދޭނެއެވެ.
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ ވީހާވެސް ގިނައިން ފަންނީ ޒުވާނުން ބިނާކޮށް މަސައްކަތުގެ މާހައުލަށް ނެރުން ކަމަށެވެ.
އެމްޓީސީސީ އާއި އެޗްޑީސީގެ އިތުރުން ވެމްކޯ އިން ވެސް ވަކި ދާއިރާތަކަކުން އިކޮމިނިކް މިނިސްޓްރީއާ ގުޅިގެން ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.