އޮލިމްޕަހުގެ މަރާމާތުތައް ނިންމާލުމަށްފަހު ޖުލައި މަހުގެ ކުރީ ކޮޅު ހުޅުވާނެ ކަމަށް ނެޝަނަލް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން އޮލިމްޕަސް ބަންދުކުރުމަށްފަހު އެތަނުގައި ބޮޑެތި މަރާމާތުތަކެއް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރެވެ. މި މަސައްކަތުގެ ތެރެއިން އޮލިމްޕަސް އިމާރާތުގެ އެތެރެއާއި ބޭރުންވެސް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އޮލިމްޕަސް ހުޅުވުން ލަސްވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އެންސިއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިންމައި އެތަން އެންމެ ލަސްވެގެންވެސް މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ހުޅުވާނެ ކަމަށެވެ.
ދެ ފިޔަވަށްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އޮލިމްޕަހުގެ ޓެރެސް އިން އެ އިމާރާތުގެ ތެރެއަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޓެރެސް މަރާމާތުކޮށް އޮލިމްޕަހުގެ އެކި ހިސާބުތަކުން ޝީޓު ކަނޑައިގެންދިޔުމާއި ރެނދުލުމުގެ ސަބަބުން ކޮންކްރީޓުތަކަށާއި ފާރުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ލޮބީ ސަރަހައްދާއި ޓިކެޓް ކައުންޓަރާއި ކެފޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. އެގޮތުން ކެފޭ އޭރިއާ ފަންނީ އެކި ބޭނުންތަކަށް ފަހިވާނެހެން ތަރައްގީ ކޮށްފައިވާ ކަމަށް އެންސީއޭ އިން ބުންޏެވެ.
ކުރިން ބޭނުން ކުރަމުން އައި ފާހާނަ ބަރިއަކީ އެންމެ އެކަށޭނެ ފާހަނާ ބަރިއަކަށް ނުވުމުން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ފާހާނަތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް ފާހާނަ ބަރި ތަރައްގީ ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފޮރޮޅުލީ ގޮނޑީގައި ފަސޭހައިން ވަދެ، ނުކުމެ ހެދުމަށް ފަސޭހަވާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ރޭމްޕް އެކްސެސްވެސް މިހާރު ގާއިމުކޮށްފައިވާ ކަމަށް އެންސީއޭ އިން ބުންޏެވެ.
މީގެ އިތުރުން އެތަނުގެ ސައުންޑް ސިސްޓަމްތައް އަޕްގްރޭޑްކޮށް، އާ ޕްރޮޖެކްޓަރެއް ހަރުކުރުމާއި އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ. އެތަކެއްޗަކީ ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗަށްވުމުން އެ ތަކެތި ގެނައުމުގައި ލަސްތަކެއް އުޅޭ ކަމަށާއި ނަމަވެސް ތަކެތި އަވަހަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންސީއޭ އިން ބުންޏެވެ.
އޮލިމްޕަސް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަހަރުގެ މާޗު މަހުގެ އަށް ވަނަ ދުވަހު ފަށާފައިވަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެވުނު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ އެއްބަސްވުމުގެ ދަށުންނެވެ.