އަހްމަދު ނިހާން ހުސައިން މަނިކު

އެނބުރި އަންނާނަން، މިހާރު ހިންގާ ޖަރީމާތައް ބަލާނެ ދުވަހެއް އަދި އަންނާނެ: ނިހާނު

3

ޕީޕީއެމުން އަދި ވެރިކަމަށް އަންނާނެ ކަމަށާއި މިސަރުކާރުން ހިންގާ ޖަރީމާތައް ބަލާނެ ދުވަހެއް އަދި އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ''ޗެނަލް 13'' އިން ގެނެސްދިން ކަވަރޭޖު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީން އެނބުރި ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށް އެމަނިކުފާނު ޖަލަށް ލާފައިވަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވައި، ހުރަސް އަޅަން ކަމަށް ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން އަބަދަށް ދެމި ނޯންނާނެ ކަމަށާއި ވެރިކަމުން ފެއަށް ޖެހޭނެ ދުވަހެއްވެސް އަންނާނެ ކަމަށެވެ.

އަދި ރައީސް ޔާމީންގެ އެކައުންޓްގައިވާ އެއްމިލިއަން ޑޮލަރުގެ މައްސަލައިގައި އެމަނިކުފާނު ހައްޔަރުކޮށްގެން ޝަރީއަތް ހިންގާއިރު، އެފައިސާއަކީ އެމަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ރައީސް ޔާމީން ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ މަނީލޯންޑާ ކުރުމުގެ މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެނެވެ.

ރައީސް ޔާމީން ބަންދުގައި ބަހައްޓަން ޕީޖީ ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ އެމައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟