ޚަބަރު

އިމާރާތެއްގެ މަތިން ވެއްޓުނު ފުރޮޅުލީ ގޮނޑިއެއްގެ ފުރޮޅެއް ވެއްޓި، ކުއްޖަކަށް އަނިޔާވެއްޖެ

މ. ޝޭޑީ ރެސްޓުގެ ފުރަތަމަ ފަންގިފިލާއިން ފުރޮޅުލީ ގޮނޑިއެއްގެ ފުރޮޅެއް ވެއްޓި، ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވެފައިވަނީ 14 އަހަރުގެ ކުޑަކުއްޖަކަށެވެ. ވެއްޓުނު ފުރޮޅުން އެ ކުއްޖާގެ ބޮލުގައި ޖެހި، ދުޅަވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިއަދު މެންދުރު ފަހު 2:36ގައި ހިނގި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މެންދުރު ފަހު 3:09 ގައެވެ.

ފަހަކަށް އައިސް އެފަދަ ހާދިސާތައް އިތުރުވާކަން ދަނީ ފާހަގަކުރެވެމުންނެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއް ބޮލަށް އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން ގަލެއް ވެއްޓި ވަނީ މަރުވެފައެވެ.

އެ ހާދިސާ ހިނގި ދުވަހު އެފަދަ އިތުރު ދެ ހާދިސާއެއް ވެސް ވަނީ ހިނގައިފައެވެ. އެ ދުވަހު ގަލޮޅު ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ކަޓިންގް ބޯޑެއް ވެއްޓި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު، އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ކުނި ކޮތަޅެއް ވެއްޓި އަންހެނަކަށް ވަނީ އަނިޔާވެފައެވެ.

އޭގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ބިޑިއަކުން ޖެހި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ވަނީ އަނިޔާވެފައެވެ.