ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ, އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ޕްރޮޕަގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ/ ހޫދު މުހައްމަދު ޒާހިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުންނާއި އެފްބީއައި އާއި ޔޫރޮޕިއަން ޔޫނިއަން ނޭޝަންގެ ދެ އޮތޯރިޓީއެއް ގުޅިގެން ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި ހޫދު ހައްޔަރުކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ އިރު، އިއްޔެ ބަންދާ މެދު ގޮތެއް ނިންމަން އޭނާ ވަނީ ހާޒިރުކޮށްފައެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ހޫދު ވަނީ އޭނާ ޓެރަރިޒަމްގެ ހަރަކާތެއް ނުހިންގާ ކަމަށާއި އެފަދަ ޖަމާއަތެއްގެ މެންބަރެއްކަމަށް ބަލަންޖެހޭ ސަބަބެއްވެސް ނެތް ކަމަށް ބުނެފައެވެ. އަދި އޭނާއަކީ ކޮމްޕިއުޓަރު ސައިންސް އެނގޭ މީހެއް ނޫން ކަމަށާއި ނަމަވެސް މައުލޫމާތު ހޯދާހިތްވާ މީހަކަށްވާތީ، ފޯނުގައި އެކި މައުލޫމާތު ހުރެދާނެ ކަމަށްވެސް ބުންޏެވެ.
ނަމަވެސް ޝަރީއަތުން ވަނީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ އެކަށީގެންވާ ސަބަބު ހުރިކަމަށް ނިންމައިފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޫދުގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް އެންމެ ގިނަވެގެން 53 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.