މާފުށީގެ ރައްޔިތުންނަށް އެރަށުން ގޯތި ދޫކުރުމުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތައް ދައްކާލުމަށް މިރޭ ހުޅުމާލޭ ޔޫތު ސިޓީ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޯހިޔާވަހިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި ބޯހިޔާވަހިކަމަށް ހައްލުހޯއްދަވައި އެންމެ ބޮޑަށް މަސައްކަތްކޮށް ދެއްވަނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.
މާފުށީގައި އިސްލާހިއްޔާ ހުންނަ ސަރަހައްދުން އެރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރައްވާނެކަމަށް ރައީސް ޔާމީން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައިވާކަން ތަކުރާރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ "މާފުށީގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް އަންގަވައި އެރަށު ކައުންސިލަށް ސަރުކާރުން ފޮނުވި ސިޓީ ރަށު ކައުންސިލުން ފޮރުވާފައިވާ "ކަމަށެވެ. އަދި ވިދާޅުވީ "މިއަދު އެސަރަހައްދުން ގޯތި ދޫކުރުމުގެ އަމަލީ މަސައްކަތް ހައުސިން މިނިސްޓަރ މެދުވެރިކޮށް ކުރައްވާނެ" ކަމަށެވެ.
މާފުށީ ކައުްނސިލްގައި ތިއްބަވަނީ އިދިކޮޅު ފިކުރުގެ ކައުންސިލަރުންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ "އިދިކޮޅު ފިކުރުގައި ތިއްބަވައިގެން ސަރުކާރުގެ އަމުރުތަކަށް ތަބާނުވެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދިނަސް މާފުށިން ގޯތި ދޫކުރައްވާނެ "ކަމަށެވެ.
މާފުށީގައި އޮތް އިސްލާހިއްޔާގެ ބިން ސަރުކާރުން ދޫކޮށްލިކަން ރައީސް ޔާމީން އިއުލާން ކުރެއްވީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅު ގައެވެ.