ޚަބަރު

ރައީސްގެ ހާއްސަ ސްކޮލާޝިޕް މިފަހަރު 44 ފަރާތަކަށް ދެނީ

އަލީ ޔާމިން

ރައީސުލްޖުމްހޫރިއްޔާގެ ދެއްްވާ ހާއްސަ ސްކޮލާޝިޕްގެ މިއަހަރުގެ ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.

އެންމެ ފުރަތަމަ އެ ސްކޮލާޝިޕް ދީފައިވަނީ 2019 ވަނަ އަހަރުއެވެ.

މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޮލާޝިޕް އިފްތިތާހުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަތީ ތައުލީމު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން ޑިގްރީއަށް ކިޔަވަމުން އަންނައިރު، 2،000 އަށްވުރެ ގިނަ ދަރިވަރުން ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް 20،000 ދަރިވަރުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހާއްސަ ސްކޮލާޝިޕް މިފަހަރު ދޭން ނިންމާފައިވަނީ 44 ފަރާތަކަށެވެ.