ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ, އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ޕްރޮޕަގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ/ ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ފަސް ދައުވާއެއްކޮށްފިއެވެ.
ފުލުހުންނާއި އެފްބީއައި އާއި ޔޫރޮޕިއަން ޔޫނިއަން ނޭޝަންގެ ދެ އޮތޯރިޓީއެއް ގުޅިގެން ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި ހޫދު ހައްޔަރުކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން ހޫދަކީ 2015 އިން ފެށިގެން އައިއެސްގެ ޕްރޮޕެގެންޑާ ފަތުރަމުންދިޔަ މީހެކެވެ.
އޭނާ އެކަން ކުރަމުން އައީ ޓެލެގުރާމާއި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަމަށާއި އެގޮތަށް އޭނާ ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް، އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭގެ އިތުރުންވެސް ބޭރުގެ ގުރޫޕުތައް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލުތައް ރޭވުމަށާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައި, އެފަދަ ކަންކަން ކުރުމަށްވެސް ހޫދު ހިތްވަރު ދެމުން ގޮސްފައިވާ ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޫދުގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ފަސް ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް އެންމެ ގިނަވެގެން 53 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެ އޮފީހުން ބުނީ، ހޫދުއާ ގުޅޭ މައުލޫމާތު ރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ބުންޏެވެ.