ރައީސް އޮފީސް

އީސީގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް މިހަފްތާގައި މަޖިލީހަށް ފޮނުވަނީ

ޝަހީދާ އަބްދުﷲ ސައީދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް މިހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން މިހާތަނަށް ސޯޅަ ފަރާތަކުން ކުރިމަތިލާފައިވާކަމަށެވެ. އަދި އެބޭފުޅުންގެ ނަންތައް މިހަފްތާގައި މަޖިލީހަށް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

އީސީގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލައިފައިވަނީ އެކޮމިޝަނުގެ މެންބަރު އިސްމާއީލު ހަބީބުގެ ދައުރު ހަމަވާތީއެވެ.

އަންނަ މަހުގެ ތެރޭގައި ހަބީބުގެ މެންބަރު ކަމުގެ ދައުރު ހަމަވާނެ އެވެ.

އީސީގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރޭގައި މިހާރުގެ މެންބަރު ހަބީބުވެސް ހިމެނެއެވެ. އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 13 އިން މިމަހު 20 އަށް އޮތީ ހުޅުވާލައިފައެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި އެ ފަރާތަކީ މުސްލިމެއް ކަމުގައިވުމާއި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި އުރުމުން 25 އަހަރު ފުރިފައިވާ މީހަކަށް ވުން ހިމެނެއެވެ.

އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައިނުވުމާއި ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް، ނިމުނުތާ ފަސް އަހަރު ވެފައިވާ މީހެއް ކަމުގައި ވާންޖެހެއެވެ.

އަދި ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ވެގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.