ޚަބަރު

މަންތާ އެއާގެ ދަތުރުތައް ރަސްމީކޮށްފަށައިފި

މަރިޔަމް ޝަހުދާ

މަންތާ އެއާގެ ދަތުރުތައް ރަސްމީކޮށްފަށައިފި އެވެ.

މަންތާ އެއާއިން މިއަދު ރަސްމީކޮށް ދަތުރުތައް ފެށި އިރު، މި އެއާލައިން އިން އަދި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދ.ކުޑަހުވަދޫ އަށެވެ. މިގޮތުން ކޮންމެ ދުވަހަކު މާލެ-ކުޑަހުވަދޫ އަށް 4 ފްލައިޓެއް ދަތުރުކުރާނެކަމަށް އެ އެއާލައިން އިން މައުލޫމާތު ދެއެވެ.

މަންތާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި ގޮތުގައި މިއަދު މަންތާގެ ދަތުރުތަށް ފަށާފައިވާއިރު އަދި ހަމައެކަނި ކުޑަހުވަދޫއަށް ދަތުރު ކުރިނަމަވެސް ކުރިއައް އޮތްތާގައި އިތުރު ރޫޓްތަކުން ގިނަ ޑެސްޓިނޭޝަން ތަކަކަށް މަންތާއިން ދަތުރުތައް ފަށާނެއެވެ.

އެގޮތުން އަވަސް މުސްތަގުބަލެއްގައި ދަރަވަންދޫ އެއާޕޯޓަށް އަދި ތިމަރަފުށި އެއާޕޯޓަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަންތާ އިން މައުލޫމާތު ދެއެވެ.

މަންތާ އެއާ އަކީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ފުރަތަމަ ފަހަރަށް ސެފިއަރ (ފަސްޓް ކްލާސް) ކޮންފޯޓް (އިކޮނޮމީ ކްލާސް) ބޭނުންކުރާ އެއާލައިނެވެ. މީގެ އިތުރުން މެއި އެއްތިރީހާ ހަމައަށް ހުޅުވާލައިގެން މަންތާއިން ކުރިއަށް ގެންދާ ''މައި މަންތާ ޕްރޮމޯ'' ގެ ދަށުން ދުރާލާ ބުކިންގް ހައްދާ ފަރާތްތަކަށް ހާއްސަ ސުޕާ ސޭވާ އަދި ސޭވާ އަގުތަކެއް އެ އެއާލައިނުން ވަނީ ކަނޑައަޅައިފައެވެ.

މަންތާ އެއާ އަކީ 2016 ވަނަ އަހަރު ޑީޕް ބްލޫ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ބައެއް ލޯކަލް ކުންފުނިތަކާއި އުމަރު މުހައްމަދު މަނިކު ގުޅިގެން ޖޮއިންޓް ވެންޗާ އެއްގެ ދަށުން އުފައްދާފައިވާ އެއާލައިނެކެވެ.