ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން، ޑީޕީއީގެ ޑިރެކްޓާރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީބްގެ އިތުރުން ޑީޕީއީގެ އިސް މަގާމެއް ފުރުއްވަމުން އަންނަ ޝަކީބްގެ އަނބިކަންބަލުން އުމްނިޔާ މުސްތަފާ އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ދެ އިދާރާއަކަށް ބަދަލުކޮށްފިއެވެ.
ޑީޕީއީގެ ޑިރެކްޓާރ ޖެނެރަލްގެ މަގާމުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީގެ ރެކްޓާ ޖެނެރަލްގެ މަގާމަށް ޝަކީބް ބަދަލުކޮށްފައިވަނީ ފާއިތުވި ބުރާސްފަތި ދުވަހުއެވެ. މައުލޫމާތު ލިބޭގޮތުގައި އުމްނިޔާ ބަދަލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިޕާޓްމަންޓަށެވެ.
މިއަހަރު ޖެނުއަރީ މަހު ފަހުކޮޅު ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މުވައްޒަފުންނާމެދު ތަފާތު ކުރުންތައް ގެންގުޅޭ މައްސަލައެއްގައި ޝަކީބްގެ މައްޗަށް ތުހުމަތު ކުރެވި އޭސީސީއިން އެ މައްސަލަ ބެލުމަށް އެދި ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައެވެ. ޝަކީބްގެ މައްޗަށް ތުހުމަތު ކުރެވުން މި މައްސަލައަކީ ޑީޕީއީގެ މުވައްޒަފުންތަކެއް ހުށަހަޅާފައިވާ މައްސަލައެކެވެ. އެގޮތުން މި މައްސަލަވަނީ ރައީސުލް ޖުމްހުރިއްޔާ އާއި އޭސީސީ އާއި އެޗް އާރުސީއެމްގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފަ އެވެ.
އެ މުވައްޒިފުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، އެ ޑިޕާޓްމަންޓްގެ ވަޒީފާގައި އުޅުއްވާ ޝަކީބުގެ އަނބިކަނބަލުންނާއި، އެހެން މުވައްޒަފުންނާ ދެމެދު ތަފާތު ކުރުންތައް ގެންގުޅުމާއި، ރަސްމީ ދަތުރުތައް ކަމަށް ވިދާޅުވެ ޝަކީބުގެ ދެމަފިރިކަނބަލުން އޮފީސް ހަރަދުގައި އަމިއްލަ ދަތުރުތައް ކުރުން ހިމެނެ އެވެ.