މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީ ކުރައްވާފައިވެއެވެ. "އަމިއްލަ ނަފްސު ހަނދާން ނައްތާލައިގެންވާ ހާލު، ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮ ކަންކަމަށް އަމުރުކުރަނީ ހެއްޔެވެ،"
އެހެންކަމުން މި ބަރަކާތްތެރި ރަމަޟާންމަހާ ބައްދަލުވެފައިވާ އިރު، އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް ހިސާބުކޮށް، އަޅުގަނޑުމެންނަށް ކުރެވިފައިވާ ހެޔޮ އަމަލުތަކާ ދޭތެރޭގައި ވިސްނަން އެބަޖެހެއެވެ.
އެ ނަފުސުތައް ހިސާބުކުރުމުގެ ކުރިން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ނަފުސުތައް ހިސާބުކުރުމަށް އަޅުގަނޑުމެންގެ މާތް ޚަލިފާ ޢުމަރުބްނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުވެސް ވަނީ ވިދާޅުވެފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ހެޔޮ އަމަލުތައް ކުރެވޭ މިންވަރާ ދޭތެރޭގައި ވިސްނައި، އެކަމާ ދޭތެރޭ ފިކުރުކޮށް އަޅުގަނޑުމެންނަށް ކުރެވިފައިވާ، ހެޔޮ އަމަލުތޯ ގިނައީ ނުވަތަ ނުބައި އަމަލުތައްތޯ ގިނައީ ބަލައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ހިސާބުކުރަން އެބަ ޖެހެއެވެ.
އެހެން މީހުންނަށް ހެޔޮ އަމަލުތަކަށް އަމުރުކުރުމަކީ ރަނގަޅު ކަމެއް ނަމަވެސް، އެއަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސުމަތިން ހަނދާންކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީ ކުރައްވާފައިވާ ފަދައިން އަޅުގަނޑުމެން، އަމިއްލަ ނަފުސުތައް މަތިން ހަނދާންކޮށް އަޅުގަނޑުމެން އަމިއްލަ ނަފުސަށް ހެޔޮ އަމަލުކުރުމަށް ވީހާވެސް ގިނައިން އަމުރު ކުރެވޭތޯ ބަލަމާ ހިނގާށެވެ.
މެސެޖު ދެއްވީ: އައްޝެއިޚު ޝުޢައިބު ނާޒިމް / އިލްމު އިންސްޓިޓިއުޓް