އަޅުގަނޑުމެންގެ ތެރޭގައި މިއަދު މިވަނީ ސޯޝަލް މީޑިއާ ވަރަށް ބޮޑަށް އާއްމުވެފައެވެ.
ތަފާތު އެކިއެކި ބޭފުޅުން އެބޭފުޅުންގެ ފޮޓޯތަކާއި މަންޒަރުތައް ސޯޝަލް މީޑިއާއާ ހިއްސާކުރަމުން ވެސް ދެއެވެ. ނަމަވެސް އެގޮތަށް ފޮޓޯތަކާއި މަންޒަރުތައް ހިއްސާކުރާއިރު ސަމާލުކަން ދޭންޖެހޭ ވަރަށް މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ އެގޮތަށް، ހިއްސާކުރާ ފޮޓޯތަކަކީ ނުވަތަ މަންޒަރުތަކަކީ، ފާހިޝް މަންޒަރުތަކަކަށް ނުހެދުމެވެ. އަދި އެކަމުގެ ސަބަބުން އެހެންބަޔަކަށް ފާފަައަށް އަރައިގަނެވޭ ފަދަ މަންޒަރުތަކަކަށް އެ މަންޒަރުތައް ނުހެދުމެވެ.
ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ އިރު، ހެޔޮ ކަންކަމުގައި އެހީތެރިވުމަށާއި، އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއްބަޔަކަށް ފާފަތަކަށް އަރައިގަތުމަށް، އަދި ގޯސް ކަންކަން ކުރުމަށް އެހީތެރިނުވުމަށް މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަނީ ވަހީ ކުރައްވައިފައެވެ.
އެހެންކަމުން އަޅުގަނޑުމެންގެ އެފަދަ މަންޒަރުތަކަކީ އެކަމުގެ ސަބަބުން އެހެން ބަޔަކު ފާފަައަށް އަރައިގަނެފާނެ އެއްޗެއްކަމުގައި ނެހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެކަމުގައި ހިމެނޭ އެންމެ ނުރައްކާތެރި ތަންކޮޅަކީ، އެފަދަ ފޮޓޯތަކާއި މަންޒަރުތައް ސޯޝަލް މީޑިއާއަށް ލާފައި ވަނިކޮށް އަޅުގަނޑުމެންނާ މަރު ބައްދަލުކޮށް އަޅުގަނޑުމެން ކައްވަޅުގައި އޮންނަ ހާލަތުގައި، އެ ފޮޓޯތަކާއި މަންޒަރުތައް ދައުރުވެ، އެހެންމީހުން ފާފަތަކަށް އަރައިގަންނަ ނަމަ، އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ކައްވަޅުގައި އަޒާބު ލިބިގެން ހިނަގައިދާނެ ކަމެވެ.
އެހެންކަމުން ހުރިހާ ބެފުޅުުންވެސް އެފަދަ ކަންކަމަށް ސަމާލުވެ ލެއްވުމަކީ އެދެވިގެންވާ ކަމެކެވެ.
މެސެޖު ދެއްވީ: އައްޝެއިޚު ޝުޢައިބު ނާޒިމް / އިލްމު އިންސްޓިޓިއުޓް