ޚަބަރު

އިންތިހާބު ލަސް ނުކުރުމަށް އެމްޑީޕީއިން ގޮވާލައިފި

މަރިޔަމް ޝަހުދާ

އަންނަ އޭޕްރީލް މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންތިހާބު ލަސް ނުކުރުމަށް އެމްޑީޕީއިން ގޮވާލައިފި އެވެ.

އެމްޑީޕީގެ ފަރާތުން މިހެން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމަށް އެމްޑީޕީއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވާހަކަ ދައްކަވަމުންނެވެ. އަފްޝަން މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަން ޕީޕީއެމް އިން އަދި ޕީއެންސީއިން އިންތިހާބު ފަސްކުރަން އެދިވަޑައިގަތުމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވަނީ އެމްޑީޕީއިން އަބަދުވެސް ބަލަނީ އިންތިހާބުތަކާއި ކުރިމަތިލައިގެން ކާމިޔާބު ހޯދުމަށް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަފްޝަން ވަނީ އިންތިހާބު ފަސްކުރުމުގެ ވާހަކަ ދައްކަވާނީ އިންތިހާބު ކާމިޔާބު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ބޭފުޅުންކަމަށާއި އިންތިހާބު ކާމިޔާބު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ބޭފުޅުން މިގޮތަށް ވާހަކަދެއްކެވި ނަމަވެސް އެމްޑީޕީއިން އެދެނީ މިހާރުވެސް ހަމަޖެހިފައިވާގޮތަށް އިންތިހާބު ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވެފައެވެ.

އިންތިހާބު ވީހާވެސް އަމާން އަދި ސުލްހަވެރިކޮށް، މިހާރުވެސް ރާވާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށް ގެންދާނެކަމަށް އުއްމީދު ކުރާ ކަމަށް އަފްޝަން ވިދާޅުވެފައެވެ. މީގެ އިތުރުން ޕީޕީއެމް އިން އަބަދުވެސް އެކި އުޒުރު ދައްކާ، އިންތިހާބު ލަސްކުރަން މަސައްކަތްކުރާ މަންޒަރު މީގެ ކުރިންވެސް ފެނިފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ. މީގެ އިތުރުން ވޯޓު ލަސް ކުރުމަކީ ވޯޓަށް މަކަރު ހަދާ އޮޅުވާލުމަށް ދެވޭ ފުރުސަތެއް ކަމަށްވެސް އަފްޝަން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަފްޝަން ވިދާޅުވީ ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށްފައި ހުރުމަކީ ވޯޓު ފަސް ކުރުމަށް އުޒުރެއް ނޫންކަމަށެވެ. އަދި މަޖިލިސް އިންތިހާބަށް ވުރެ ރިޔާސީ އިންތިހާބު މާ ބޮޑު ކަމަށާއި ރިޔާސީ އިންތިހާބު ކުރިއަށް ދިޔަ އިރު އިދިކޮޅު ހުރިހާ ލީޑަރުންހެން ތިއްބެވީ ބަންދުގައި ކަމަށާއި، އެކި އިދިކޮޅު މެމްބަރުންވެސް ބަންދުގައި ތިއްބެވިކަމަށާއި އެތައް ބައެއްގެ ޕާސްޕޯޓުވެސް ހިފެހެއްޓިކަން އަފްޝަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަން އުޒުރަކަށް ހަދާ ރިޔާސީ އިންތިހާބު ފަސް ކުރުމަށް މަސައްކަތް ނުކުރާކަމަށް އަފްޝަން ވިދާޅުވިއެވެ.