މިނިސްޓަރު އަހުމަދު މަޙުލޫފް

"އިބޫ ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު އިދިކޮޅު 4 ލީޑަރުން ތިއްބެވީ ޖަލުގައި"

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު، ޖަލުގައި ހުންނެވުމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފައިވާއިރު، ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި، ރައިީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވިއިރު އޭރުގެ އިދިކޮޅު ހަތަރު ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށް ވިދާޅުވެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ރައްދު ދެއްވައިފި އެވެ.

މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް އިބޫ ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި އަސްލު ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ހުންނެވީ ޖަލުގައި ކަމަށެވެ.

ޕީޕީއެމް އާއި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ އިންތިހާބަކަށް އެކަށީގެންވާ މާހައުލެއް ނޫން ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށްދޭން އިލެކްޝަންސް ކޮމިޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް އިންތިހާބަށް މިނިވަން މާހައުލެއް ނެތް ކަމަށް ގަބޫލުކުރައްވަނީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ގާނޫނާ ހިލާފަށް، އުސޫލުން ބޭރުގައި ހައްޔަރުކޮށްފައިވާތީ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީން މާފުށީ ޖަލުގައި ބަންދުކުރައްވާފައިވަނީ، މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެންނެވެ.

އެއީ އެމަނިކުފާނު އެ މައްސަލަައިގެ ހެކިންނަށް ނުފޫރު ފޯރުވަފާނެކަމަށްޓަކައެވެ.

ރައީސް ޔާމީން ބަންދު ކުރުމާ ގުޅިގެން ޕީޕިއެމް، ޕިއެންސީން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފަ އެވެ.

ނަމަވެސް އެފަރާތްތަކުން ރޭ ބާއްވަން އުޅުނު މުޒާހަރާ ވަނީ ކެންސްލްކޮށްފަ އެވެ.