ޚަބަރު

ޑިންގީ ބަންޑުންވެ އަންހެނަކު ގެއްލުން: ޝިމާ ހޯދުމަށް ޑައިވިންގް ރޮބަޓް ބޭނުން ކުރަނީ

މަރިޔަމް ޝަހުދާ

ޑިންގީއެއް ބަންޑުންޖަހާލައިގެން ހިނގި ހާދިސާގައި ގެއްލުނު އަންހެންމީހާ ހޯދުމަށް ޑައިވިން ރޮބަޓް ބޭނުން ކުރަން ފަށައިފި ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ގެއްލިފައިވަނީ 19 އަހަރުގެ ޝިމާ ނާފިޒް އެވެ. ޝިމާ އަކީ ލ.މާމެންދޫގައި ދިރިއުޅޭ ގދ.ފިޔޯރީއަށް ނިސްބަތްވާ އަންހެނެކެވެ. ޑިންގީ ބަންޑުންޖަހާލި ހާދިސާ ހިނގާފައިވަނީ ޝިމާގެ އިތުރުން އެހެން ފިރިހެނަކު ލ. ފޮނަދޫން މާމެންދޫއަށް ދަތުރު ކުރަމުންދަނިކޮށް ލ. ގާދޫ ކަނޑުއޮޅި އަށެވެ.

ހުކުރު ދުވަހުގެ ރެއިން ފެށިގެން އެމްއެންޑީއެފްގެ އިތުރުން ސިކްސްތުސެންސް ރިސޯޓު އަދި ލ.ގަން ރިވެރީސް ގެސްޓް ހައުސްގެ ޑައިވަރުން އަދި އެމްއެންޑީއެފްގެ އެކި ޓީމުތައް ދަނީ މަސައްކަތް ކުރަމުންނެވެ.

ޑިންގީ ބަންޑުން ޖަހާލިއިރު ޑިންގީގައި އިން ފިރިހެންމީހާ ވަނީ ފަތާފައި ގޮސް ސިކްސްތުސެންސް ރިސޯޓަށް އަރައި އެހީތެރިކަމަށް އެދިފައެވެ. އޭނާ ފަތާފައި ރިސޯޓާއި ދިމާއަށް ދިޔައީ ޝިމާ އަތަށް ފޯނަކާއި ފެންމަތީގައި އޮތުމަށް ޓަކައި ހަމެއް ދީފައި ކަމަށް ފުލުހުން ހާމަކުރިއެވެ.