ހުޅުމާލެއިން މާލެއަށް ދުއްވާފާ ދިޔަ ދެ ސައިކަލް ހައިވޭމަތިން ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާ ވެއްޖެ އެވެ.
ހައިވޭގައި ހަތަރު ލޭން ހިމެނޭ ސަރަހައްދުން ހިނގި މި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ 21 އަހަރުގެ އަންހެނެއްގެ އިތުރުން 20 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނަކާއި އަދި 50 އަހަރުގެ ފިރިހެނަކަށެވެ. އެގޮތުން 54 އަހަރުގެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންއަންނަ އިރު މި ހާދިސާގައި އަނިޔާވި އަނެއް ތިން މީހުންނަށް ފަރުވާދެމުން އަންނަނީ އޭޑީކޭ އިންނެވެ.
ރޭ 00:30 ހާއިރު ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލާ ބްރިޖާއި ހައިވޭ މިދިއަ އަހަރުތެރެ އާންމުންނަށް ހުޅުވާލުމަށްފަހު މަގުމަތީގެ އެކްސިޑެންޓުތައް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ.