ޚަބަރު

އެކި ސަބަބުތަކާހުރެ 26 މައްސަލައެއް މިދިޔަ މަހު ޕީޖީން ބޭރުކޮށްލި

ރިފާ ހަލީލު

ޕްރޮސެކިއުޓަރު ޖެނެރަލް(ޕީޖީ)ގެ އޮފީހުން މިދިޔަ މާޗް މަހު އެކި ސަބަބުތަކާ ހުރެ 26 މައްސަލައެއް ދައުވާ ނުކުރަން ނިންމައި އަނބުރާ ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ވަނީ މިދިޔަ މަހު އެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މާޗު މަހު ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 244 މައްސަލަ އެކެވެ. އޭގެ ތެރެއިން 60 މައްސަލައެއް ބަލައިގެންފައިވާއިރު، އިތުރު މައުލޫމާތު ސާފުކުރުމަށް 125 މައްސަލައެއް ވަނީ އަނބުރާ ފޮނުވާލައިފައެވެ. އެކި ސަބަބުތަކާ ހުރެ 26 މައްސަލައެއްގައި ދައުވާ ނުކުރަންވެސް ނިންމި އިރު ދިރާސާ ކުރަމުން އަންނަ 33 މައްސަލައެއް ވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ދައުވާ ނުކުރަން ނިންމައި އަނބުރާ ފޮނުވާލި 26 މައްސަލައަކީ ކޮން ސަބަބަކާ ހުރެ ފޮނުވާލި މައްސަލަތަކެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.

މިއަހަރު އެންމެ ގިނައިން މައްސަލަ ނިންމާފައިވަނީ މާޗު މަހު ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ޖުމުލަ 149 މައްސަލައެއް ނިންމާފައިވާއިރު އޭގެ ތެރެއިން 113 މައްސަލައެއް ވަނީ ސާބިތުވެފައެވެ. އެއީ 75.8 ޕަސެންޓެވެ.

އޭގެ އިތުރުން ފަސް މައްސަލަ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ނިންމައި ކޯޓުތަކުން ބޭރުކޮށްލާފައިވާއިރު 31 މައްސަލަ ސާބިތު ނުވާ ކަަމަށް ވަނީ ނިންމައިފަ އެވެ. މިއީ 20.8 ޕަސެންޓެވެ.

ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް އެންމެ ގިނައިން ފޮނުވާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މާޗު މަހު މަސްތުވާތަކެތީގެ 62 މައްސަލައެއް ދައުވާ ކުރުމަށް ފޮނުވާފައިވާއިރު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލައެއްވެސް ދައުވާ ކުރުމަށް ވަނީ ފޮނުވާފަ އެވެ. އޭގެ އިތުރުން ވައްކަމުގެ 27 މައްސަލައަކާއި ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ 15 މައްސަލައަކާއި މާރާމާރީގެ 12 މައްސަލައެއް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޕީޖީ އޮފީހުން މިދިޔަ މަހުގެ ތެރޭގައި ކުރިމިނަލް ކޯޓަށް 69 ދައުވާ ފޮނުވާފައިވާއިރު ޑުރަގް ކޯޓަށް 47 ދައުވާ އަދި ޖުވަނައިލް ކޯޓަށް މައްސަލައެއް ފޮނުވާފައިވެއެވެ. މެޖިސްޓްރޭޓް ކޯޓުތަކުން އެންމެ ގިނަ މައްސަލަތައް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާއިރު އެ ކޯޓަށް ވަނީ 15 މައްސަލައެއް ފޮނުވާފަ އެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް 12 މައްސަލައަކާއި މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހަތް މައްސަލަ އަކާއި ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހަތް މައްސަލައެއްގެ އިތުރުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ފަސް މައްސަލައެއް ފޮނުވާފައިވެއެވެ.

ޕީޖީ އޮފިހުން ބުނީ މިދިޔަ މަހު އިދާރާތަކުން ޖުމުލަ 244 މައްސަލައެއް ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން 241 މައްސަލައެއް ހުށަހޅާފައިވާއިރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ދެ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އެއް މައްސަލަ ވަނީ ހުށަހަޅާފަ އެވެ.