ޕީޕީއެމްގެ ނައިބު ރައީސާ އަދި ކުރީގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރުގެ ޕާސްޕޯޓު އިމިގްރޭޝަނުން ހިފަހައްޓާފައި ނުވާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން، ހަނަފީ ވަނީ އާޒިމާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފައެވެ.
އާޒިމާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ބުނެފައި ވަނީ ،މިއަދު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ ސަރުކާރުން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނަށް ފިއްތުންތައް ކުރިމަތިކުރުވާކަމަށްވިދާޅުވެ އެގޮތުން އާޒިމާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމުގެ މައުލޫމާތުލިބިފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަދުރޭ ވަނީ ޕީޕީއެމް އަދި ޕީއެންސީގެ އިސް އެކި ބޭފުޅުންގެ ޕާސްޕޯޓު ހިފަހައްޓަން މަސައްކަތް ކުރަމުންދާކަމަށާއި މިހާރުވެސް ބައެއް ބޭފުޅުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ވިދާޅުވެފައެވެ.
އާޒިމާގެ މައްޗަށް ޕީޖީ އިން ވަނީ މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައެވެ.