މުހައްމަދު ޖަމްޝަތް ވަހީދު
ފެނުގެ ޑިމާންޑު ބޮޑުވެފައިވާތީ ރާއްޖެތެރޭ ރަށްރަތަކަށް ފެން ސަޕްލައިކުރެވޭ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
ފެން ލިމިޓުކޮށްގެން ވިއްކާ ކަމަށް އިއްޔެ މީޑިއާ ތަކުގައި ދައުރުވި ހަބަރުތައް ދޮގުކުރައްވައި ޝާހް "ވަން" އަށް މިއަދު ވިދާޅުވީ ފެންވިއްކުމުގެ ލިމިޓެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް މާލޭގެ ގޭބީސީތަކަށް ފެން ޑެލިވަރީ ކުމުރުގައި ޑިލޭތަކެއް ހުރެދާނެ ކަމަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި މަގުތަކުގެ ޓްރެފިކް ބޮޑުވުމާއި ފެން ޑެލިވަރީ ކުރަން ގޮސް ގުޅާލުމުން ފޯނަށް ޖަވާބު ނުދީ ގިނައިރުތަކެއްވުން ހިމެނޭ ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ރަށްރަށުގައި ފެން ވިއްކަނީ އެކުންފުނީގެ އޭޖެންޓުން މެދުވެރިކޮށް ކަމަށާއި އޭޖެންޓުން ރިކުއެސްޓް ކުރާ ވަރަކަށް އެ ރަށްތަކަށްވެސް ފެން ފޮނުވާ ކަމަށެވެ. އަދި ފެނުގެ ޑިމާންޑު ބޮޑުވެފައި ވާތީ ކުރިން އެއް ޝިފްޓަށް ހިންގަމުން އައި ދުވާފަރުގެ ބޮޓްލިން ޕްލާންޓް ދެ ޝިފްޓަށް އޮޕަރޭޓް ކުރާ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޮޓްލް ވޯޓާ ވިއްކުމަށް ވީ ވަރަކުން އޭޖެންސީ ދީގެން މިއުޅެނީ. ބޮޑަށް މިބަލަނީ އެޖެންޓުން ބާރުވެރި ކުރުވަން،" ޝާހު ވިދާޅުވިއެވެ.
މިދުވަސްކޮޅަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރަށް ވެފައި ވާރޭ ނުވެހި ގިނަ ދުވަސްވުމުން ގިނަ ރަށްރަށުން ވާރޭ ފެން ވަނީ ހުސްވެފައެވެ. ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނު ގަދަވަނީ އޭޕްރީލް މަހުއެވެ. މި ދުވަސްވަރު ބައެއް ރަށްރަށުން ފެން ހުސްވެ ފެނަށް ވެސް ޖެހޭއިރު ދެކުނުގެ ބައެއް ރަށްތަކުން ވާރޭ ފެންވެސް ވަނީ ހުސްވެފައެވެ.