ޚަބަރު

މިރޭގެ މުޒާހަރާ ކެންސަލްކުރީ ބަޔަކު ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން: ސިއްދީގު

މަރިޔަމް ޝަހުދާ

ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަން އުޅުނު މުޒާހަރާ ކެންސަލްކުރީ މުޒާހަރާތެރޭގައި ބަޔަކު ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކަމަށް ޕީއެމްސީގެ މެންބަރު، މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސިއްދީގު މިހެން މިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ސިއްދީގު ވިދާޅުވިގޮތުގައި ބަޔަކު ރާވައިގެން މުޒާހަރާއަށް ހުރަސް އަޅައި، މާރާމާރީ ހިންގަން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި މުޒާހަރާ ކެންސަލް ކުރީ އެފަދަ ބައެއް ނިޝާން ފެންނަން ހުރުމުން ކަމަށާއި އެފަދަ ހަމަޖެހުމަކަށް ފުރުސަތު ނުދިނުމުގެ ގޮތުންކަމަށް ސިއްދީގު ވިދާޅުވިއެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ބޭއްވުމަށް ނިންމާފައިވާ މި މުޒާހަރާއަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފާއިތުވި ހޯމަ ދުވަހު އެމަނިކުފާނު ހައްޔަރު ކުރުވުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލުމަށް ކުރިއަށްގެންދާ މުޒާހަރާއެކެވެ.

މިގޮތުން ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން މިދިޔަ ބުދަ ދުވަހުގެ ރޭވެސް ވަނީ މުޒާހަރާކޮށްފައެވެ.