މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ކަސްޓަމްސް ސަރަހައްދު ސާފު ކޮށްފި އެވެ.
މި ހަރަކާތް ފެށުމަށްޓަކައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޒަކީ ވިދާޅުވީ، "ސާފު ރާއްޖެ އަހަރެންގެ ޒިންމާ" މި ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތަކަށްވެސް ކަސްޓަމްސް އާއި އެމްޕީއެލްގެ މުވައްޒަފުންގެ އެއްބާރުލުން ލިބިގެނދާނެ ކަމަށެވެ. އަދި ކުރިއަށްހުރި މިފަދަ ހަރަކާތްތަކުގައި ވިޔަފާރިވެރިންވެސް ބައިވެރިވުމަކީ ހަރަކާތް އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނަރާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވީ، އެންމެ ދުވަހަކު މިކަހަލަ ހަރަކާތެއް ބޭއްވުމުގެ ބަދަލުގައި ހަގީގީ ކާމިޔާބީ އަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުން ކަމަށެވެ. އަދި ތިމާވެށި ސާފުކޮށް ބޭއްވުމަށްޓަކައި ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން މުހިއްމުކަމަށް ވިދާޅުވި އެވެ.
މިއީ "ހިދުމަތުގައި ކުރިއަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު ކަސްޓަމްސް އިން ހާސިލް ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، "ތިމާވެއްޓާ ރައްޓެހި ކަސްޓަމްސް" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ސާފު ކުރުމުގެ މި ހަރަކާތުގެ ބައިވެރިންނަށް އީޕީއޭއިން ވަނީ ސިންގަލް ޔޫޒް ޕްލާސްޓިކާއި މައިކްރޯ ޕްލާސްޓިކާ ބެހޭގޮތުން މައުލޫމާތު ދީފަ އެވެ.
މި ހަރަކާތުގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ދަޅާއި ޓިނު އަދި ޓަޔަރުފަދަ ތަކެތި ވަނީ ނަގައިފަ އެވެ.