އާމްދަނީން ޓެކްސް ނެގުމުގައި އިސްތިސްނާ ދޭނެ ގަވާއިދު ފިނޭންސް މިނިސްޓްރީން މިއަދު ގެޒެޓްކޮށްފިއެވެ.
އެ ގަވާއިދަށް ކިޔަނީ "ވިޔަފާރި މަޝްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދު" އެވެ. އެ ގަވާއިދުގެ ބޭނުމަކީ، ވިޔަފާރި މަޝްރޫއުތަކުން ނުވަތަ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ދިނުމަށް ބަލަންޖެހޭ ޝަރުތުތަކާއި، އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމާއި، އިސްތިސްނާ ދެވޭ ފަރާތްތަކުގެ ދަފުތަރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުމެވެ.
ގަވާއިދުގެ ތިންވަނަ މާއްދާގައި ވަނީ، ޓެކްސް ނެގުމުގައި އިސްތިސްނާ ހޯދުމަށް ބޭނުންވާނަމަ، އެ ވިޔަފާރި މަޝްރޫއެއް ހިންގާ ފަރާތުން އެ މަޝްރޫއެއްގެ ބެލެނިވެރި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތަށް ހުށަހަޅާ ހުށަހެޅުންތައް އެ ހުށަހެޅުމެއް ލިބުނު މިނިސްޓްރީއަކުން ދިހަ ދުވަހުގެ ތެރޭގައި ރައީސް އޮފީހަށް ފޮނުވަން ޖެހޭނެކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ލިބޭ ހުށަހެޅުންތައް ރައީސް އޮފީހަށް ހުށަހެޅުމަށް 30 ދުވަސް ލިބޭނެއެވެ.
ވިޔަފާރި މަޝްރޫއެއް ހިންގާ ފަރާތަކުން ޓެކްސް އިސްތިސްނާ ހޯދުމަށް ހުށަހަޅާ ހުށެހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮތެއް ކަނޑައަޅަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއްގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ. އިސްތިސްނާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިނަމަ އެ އިސްތިސްނާ ދެމިއޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މުއްދަތަކަށް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ
އާމްދަނީ ޓެކްސްއިން އިސްތިސްނާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި އެ ލިސްޓު ގެޒެޓްކޮށް އަޕްޑޭޓް ކުރަމުން ގެންދަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ދިނުމަށް ނިންމާ ވިޔަފާރި މަޝްރޫއަށް ހާއްސަކޮށްގެން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވަކި ގާނޫނީ ޝަހުސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަންވެސް ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގެ ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކޮށްފައިވާ ފަރާތްތައް، "ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން މީރާއިން އޮޑިޓްކުރަން ޖެހެއެވެ. މީރާއިން ކުރާ އޮޑިޓެއްގައި ފާހަގަކުރެވޭ ކަންކަން މިނިސްޓަރަށާއި އިސްތިސްނާ ލިބިފައިވާ ފަރާތަށް ފޮނުވަން ވެސް ޖެހެއެވެ.