ޚަބަރު

މާފުށީ ގައި ގެނބިގެން މީހަކު މަރުވެއްޖެ

ކ.މާފުށީގައި ގެނބިގެން މީހަކު މަރުވެއްޖެ އެވެ.

މިކަން ފުލުހުން ވަނީ "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދީފަ އެވެ.

މާފުށީ ކައުންލިސް މެންބަރު ނަޝީދާ އާދަމް "ވަން އޮންލައިން" އަށް ވިދާޅުވީ، ގެނބިގެން މަރުވެފައިވަނީ އަރަބި ގައުމެއްގެ މީހެއް ކަމަށާއި އެއީ ވަކި ގައުމެއްގެ މީހެއްކަން އަދި ޔަގީިން ނުވާ ކަމަށެވެ.

އަދި އެއީ ފަތުރުވެރިއެއް ނޫން ކަމަށާއި އެއީ އިތާފުށި ރިސޯޓްގައި މަސައްކަތްކުރާ މުވައްޒިފެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމާއި ގުޅެގޮތުން މައުލޫމާތުދެމުން ފުލުހުން ވަނީ ގެނބިގެން މަރުވެފައިވަނީ 40 އަހަރުގެ ތުރުކީ ފިރިހެނެއްކަން ހާމަކޮށްފައެވެ.

މިއަދު 15:35 ހާއިރު މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މާފުށީ ހެލްތް ސެންޓަރަށް މިމީހާ ގެންދިޔައިރުވެސް ނޭވާ ނުލާކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އެ މީހާ މަރުވެފައިވާކަމަށް ޑޮކްޓަރުން 15:50ގައި ކަށަވަރުކޮށްދިންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މަރުވި ތުރުކީ މީހާ ރާއްޖެ އައީ އިތާފުށި ރިސޯޓްގެ މަސައްކަތެއް ކުރުމަށް މި މަހު ކުރީކޮޅުކަމަށެވެ.

އަދި އެމީހާ މަރުވީ، ކުރަން އައި މަސައްކަތް ނިންމުމަށްފަހު ފުރުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.