ލައިފް ސްޓައިލް

ރޯދަމަހުގެ ރޭގަނޑު ހަމައެކަނި ކެއުމަށް ހުސްކުރުމުގެ ބަދަލުގައި ކަސްރަތަށްވެސް ވަގުތުކޮޅެއް ހުސްކުރަމާ!

މަރިޔަމް ޝަފާ އިބްރާހިމް

ރޯދަމަހަކީ މުޅި ދުވާލު އަޅުކަމުގެ ތެރޭގައި ކެއިންބުއިމާ ދުރުގައި އުޅޭ މަހަކަށް ވުމުން މިމަހުގައި ކަސްރަތުގެ ކަންތަކަށް އާންމު އެހެން ދުވަސްތަކާ ހިލާފަށް ބަދަލު ގެންނަން ޖެހެއެވެ. އާންމުކޮށް އެންމެން ވެސް ރޯދަމަހު ޖިމަށް ދިއުމާއި ދުވަން ދިއުން ކަހަލަ ކަންތައްތައް ބަދަލު ކޮށްލަނީ ރޭގަނޑަށެވެ. ރޭގަނޑުގެ ގަޑީގައި ކަސްރަތު ކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ވިޔަސް ދުވާލު ރޯދައަށް ހުންނަ ހުރުމުގައިވެސް ސިއްހަތަށް ފައިދާ ހުރި ކުދިކުދި ކަންތައް ކޮށްލެވޭނެއެވެ.

ކަސްރަތު ކުރުމުގެ ބޭނުމަކީ ހަމައެކަނި ރީތި ބައްޓަމަކަށް މީހާގެ ހަށިގަނޑު ބެހެއްޓުމެއް ނޫނެވެ. އެކަމަކު އެއަށްވުރެ ހާއްސަ ކޮށް ދުޅަހެޔޮ ސިއްހަތެއްގައި މީހާ ހުރުމަށްޓަކައި ކަސްރަތު ކުރުން ކޮންމެހެންވެސް މުހިންމެވެ. ރެއާއިދުވާލުގެ 24ގަޑިއިރުން ހަމަ އެންމެ ބައިގަޑިއިރު ނުވަތަ ގަޑިއެއްހާ އިރު މިކަމަށް ހޭދަކުރިއަސް ހަށިގަނޑުން އޭގެ އެދެވޭ ފައިދާ ފެންނާނެއެވެ.

ރޯދަމަހު އާންމުކޮށް މަސްފެށުމުގެ ކުރިން ކުރަމުން އައި ކަސްރަތަށް ކުޑަ ލުޔެއް ގެނެސް ބަރުދަން އިތުރުނުކޮށް ކުރިއަށް ގެންދިއުމަށް ކަމާބެހޭ މާހިރުން އިރުޝާދު ދެއެވެ. ރޯދަމަހަކީ ފެންބުއިމާ ދުރު މަހެއްކަމުން ދުވާލުގެ ވަގުތުގައި ކަސްރަތު ކުރާ ކަމަށްވާނަމަ މީހާ ޑީހައިޑްރޭޓް ވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ރޯދަ ވީއްލައިގެން މަޣުރިބު ނަމާދަށްފަހު ކަސްރަތު ކުރުމަށް ދެވިދާނެއެވެ. މިގަޑި ރަނގަޅުކަމަށް ވަނީ މިގަޑީގައި ނާސްތާ ކުރުމުން، މީހާއަށް ކަންނެތް ކަމާއި ވަރުބަލިކަން އިހުސާސްވެގަންނާނެތީވެއެވެ. އެހެންކަމުން މިގަޑީގައި ހަށިގަނޑު ދަމާލައި އަރާމު ކޮށްލުމަށްވުރެ ރަނގަޅު ގޮތަކީ ހިނގާލަން ދިއުމެވެ. މާބުރަ ނޫނަސް މަޑުމަޑުން ހަށިގަނޑަށް ބޮޑު ބުރައެއް ނުދީ ހިނގާލުމުން މީހާގެ ހަޖަމު ކުރުމުގެ ނިޒާމަށް ވެސް ލުއި ފަސޭހަތަކެއް ވެގެންދާނެއެވެ.

ދެން އޮތް ވަގުތަކީ އާންމުކޮށް ސިއްހަތާ ބެހޭ ގިނަ މާހިރުން ލަފާދޭ ގޮތެވެ. އެއީ ތަރާވީހުން ނިމިގެން ލުއި އެއްޗަކުން ނާސްތާއެއްް ކޮށްލައިގެން ހަމަ ރަސްމީ ކަސްރަތު ކުލާހަށް ދިއުމެވެ. ބަރުދަން ނެގުމަކާ ނުލައި މިއީ ކުރީގެ މަސްތަކުގައި ގެންދިޔަ ކުލާސްތައް ކުރިއަށް ގެންދިއުމަށް އެންމެ ރަނގަޅު ވަގުތެވެ. މީގެ ސަބަބުން މީހާގެ ހަށިގަނޑަށް ލޮޑުކަން އިހުސާސް ނުވުމާއެކު ރޭގެ ބާކީ ހާރުކެއުމާ ދެމެދު ހަށިގަނޑަށް ލިބޭ ބަރުކަން ފިލައި، ރޯދަވީއްލުމަށް ހޭދަވި ކެއުމާއި ތަރާވީހުގެ ކެއުމަށް ހަޖަމުކުރުމުގެ މައްސަލަ ދިމާނުވެ އެތެރެހަށީގެ ހަރަކާތްތައް ދާލެއް އެންމެ ރަނގަޅުވާނެކަމަށްވެއެވެ.

މިގަޑީގެ ކަސްރަތުން ނިމިގެން ގަޑީގެ ކަށިން ތަން އޮތް ނަމަ މޫދަށްވެސް ދެވިދާނެއެވެ. ފެތުމަކީ ހަށިގަނޑަށް ވަރަށްވެސް ފައިދާހުރި ކަމެކެވެ. އަމުދުން މިފަދަ މަހެއްގައި ދުވާލު ކެއިން ބުއިމާއި ދުރުގައި އަދި ހަމައެހެންމެ ބޮޑެތި ބަރުކަންތަކުންވެސް ދުރުގައި އުޅޭފަދަ މަހެއްކަމުން މޫދަށް ގޮސް ފަތާލުމަށް އެންމެ ރަނގަޅު އެއްގަޑިއަކީ ވެސް މިއީ ކަމަށް ވާނެއެވެ. މިކަމުގެ ސަބަބުން އިރުކޮޅެއް ކުރިން ކުރި ކަސްރަތުން މީހާއަށް އެއްވެސް ކަހަލަ އިތުރު ތަދެއްވެ، ގައިގައި ރިއްސާ ކަހަލަ ކަމެއް ހުރި ނަމަވެސް ލުއި ލިބޭނެއެވެ. މާގިނަ އިރެއްް ނޫނެވެ. ހަމައެންމެ ފަނަރަ ވިއްސަކަށް މިނިޓް ވެސް ފުދޭނެއެވެ. ފަތަން ނޭނގޭނަމަވެސް މޫދުގެ ލޮނުގަނޑުގައި ހަރަކާތްތެރިވެލުމުން ހަށިގަނޑަށް ލުއިވެ އަރާމު އިހުސާސްކުރެވޭނެއެވެ.

ދެން ގެއަށް ގޮސް ފެންވަރައި ތާޒާ ވެލުމަށްފަހު ކުރަން ހުރި ކަމަކުން އަވަދިވެގެން ރޭގަނޑުގެ ނިދުމާ ދިމާއަށް ދިއުމުން ހާރު ކެއުމާ ދެމެދު ހަށިގަނޑަށް އަރާމު ލިބި ނިދީގެ ފޮނިމީރުކަންވެސް ލިބޭނެއެވެ. ރޯދަމަހު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑުން ވަގުތުކޮޅެއް ހޯދަން ބާކީ މިއޮތް މަދުދުވަސްތަކުގައި ކެއުމުގެ ބައެއް މަދުކޮށްލަމާބަހީއެވެ.