ޚަބަރު

ރޯދައިގެ މެސެޖު 5 - ރޯދައިިން ލިބޭ ފައިދާތައް

އިބްރާހިމް ޒަކީ

ރޯދައިގެ ފައިދާތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. ރޯދައިގެ ސަބަބުންނާއި ރޯދަ ހިފުމުގެ ސަބަބުން، އިޖުތިމާއީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް ފައިދާތަކެއް ރޯދަވެރިޔާއަށް ލިބެއެވެ.

ރޯދަ ހިފުމުުގެ ސަބަބުން ލިބޭ އިޖުތިމާއީ ފައިދާތަކުގެ ތެރޭގައި ގުޅުން ބަދަހިވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އޮންނަ އަހުވަންތަކަމުގެ ލޯބި އިތުރުވެގެން ދިއުމާއި އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ ފޯރުކޮށްދިނުން ހިމެނެއެވެ. ރޯދަމަހަކީ އެކަންކަން ވަރަށް ބޮޑަށް ހާސިލުވެގެންދާ މަހެކެވެ.

އެގޮތުން ރަމަޟާން މަހު މުސްލިމުން ހާރު ކަނީ އެއްވަގުތެއްގައެވެ. ރޯދަ ވީއްލަނީ އެއްވަގުތެއްގައެވެ. އެކަންކަމުންވެސް ރަމަޟާން މަހަކީ އެއްބައިވަންތަކޮށް އެކުގައި އުޅެންޖެހޭ މަހެއްކަން އެނގެއެވެ.

ރޯދައިގެ ސަބަބުން ލިބޭ ޖިސްމާނީ ފައިދާތަކަށް ބަލައިލާ އިރު، ރޯދައަށް ހުރުމުގެ ސަބަބުން، ލޭގައި ހަކުރު ހުންނަ މިންވަރު، ހަމައަަކަށް އަޅުވައިދީ، ހަށިގަނޑުގައި ހުންނަ ނޭދެވޭ މާއްދާތައް މަދުވެ އެމީހާއަށް ދުޅަހެޔޮ ސިއްހަތެއް ލިބުމަށް މަގުފަހިވެގެންދާ ކަމަށްވެސް ޑޮކްޓަރުން ބުނެއެެވެ. ދިރާސާތަކުން ވެސް އެކަން ސާބިތުވެއެވެ. ހަމަ އެގޮތަށް ނަފްސާނީ ގޮތުންވެސް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދެއެވެ.

ރޯދައަށް ހުރުމުގެ ސަބަބުން ރޯދަ ވެރިޔާއަށް ކަންކަން ތަހައްމަލުކޮށް ކެއްތެރިވެ އަޒުމު ވަރުގަދަވާން ދަސްވެއެވެ. އެއީ ރޯދައަށް ހުުންނަ އިރު، ނުކައި ނުބޮއި ހުރުމާއި އެންމެހާ އެދުންތަކުން ދުރުވެ ހުރުމުގެ ސަބަބުންނެވެ. އެހެންވީމާ ރޯދައިން މި ލިބޭ ހުރިހާ ފައިދާތަކާއެކު ވަރަށް ބޮޑެވެ.

ރޯދައަށް ކަމޭހިތައިގެން ރޯދަ ހިފުމުން ދުނިޔޭގައި ލިބޭ ފައިދާތަކުގެ އިތުރުން އާހިރަތުގެ ސަވާބު އެބަ ލިބިގެންދެއެވެ.

އެހެންވީމާ އަޅުގަނޑުމެން ރޯދައަށް ހުންނަ އިރު، އަޅުގަނޑުމެންގެ ދޫ ރައްކާތެރި ކުރުމާއި ލޯ ރައްކާތެރި ކުރުމާއި ކަންފަތް ރައްކާތެރި ކުރުން ވަރަށް މުހިއްމެވެ. އިހުސާސްތަކާއި ޝުއޫރާއި އަޅުގަނޑުމެންގެ ހިތުން ރޯދައަށް އެ ދޭންޖެހޭ ގަދަރު ދެމުން ރޯދަ ހިފުމަކީ، އެކަމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ރޯދަވެރިޔާއަށް ލިބިގެންދާނެ ކަމެކެވެ.

މެސެޖު ދެއްވީ: ޑރ. އަނާރާ ނައީމް / އިލްމު އިންސްޓިޓިއުޓް