މުހައްމަދު ޖަމްޝަތް ވަހީދު
ރޯދަ މަހުގެ ފަސްވަނަ ދުވަހާ ބައްދަލުކުރި އިރު، މާރުކޭޓުގައި ތަކެތީގެ އަގު މަޑުމަޑުން ދަށަށްދާން ވަނީ ފަށައިފައެވެ. ނަމަވެސް އަދިވެސް ބައެއް ބާވަތުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ރޯދައަށް އަބަދުވެސް އެންމެ ޑިމާންޑު އޮންނަ މިރުހުގެ އަގުތައް މިއަދު އުޅެނީ 650ރ އިން ދަށުގައެވެ. ލ. މިރުސް ކިލޯއެއް 600-650ރ އަށް ލިބެން ހުރި އިރު، އެވްރެޖްކޮށް ކަނޑޫދޫ މިރުސް ކިލޯއެއްވެސް ލިބެނީ 650ރ އަށެވެ. އަދި ތަންކޮޅެއް ސައިޒު ކުޑަ ކަނޑޫދޫ މިރުސް، ކިލޯއެއް 400ރ އަށާއި 580ރ އަށްވެސް ވިއްކާ ގޮޅިއެއް އެބަހުއްޓެވެ. ބާޒާރަށް މިއަދު ވަނީ ބަންގަލަދޭޝް މިރުސް ގެނެސްފައެވެ. ސައިޒުން ކުދިކޮށް ހުންނަ އެ މިރުސް ވިއްކަނީ ކިލޯއެއް 150ރ އަށެވެ.
މިރުހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި ބާޒާރުމަތީގެ ކަންތައްތައް ދިރާސާކޮށްލުމުން މިރުސް ގަންނަން ބާޒާރަށް ދާން އެންމެ ރަނގަޅު ވަގުތަކީ މެންދުރު ފަހެވެ. ހަވީރުވާން ކައިރިވަމުންދާ ވަރަކަށް މާރުކޭޓުގައި ހުރިހާ ވައްތަރެއްގެ މިރުހުގެ އަގުވެސް ބޮޑުތަނުން ކުޑަ ކުރެއެވެ. ގާތްގަނޑަކަށް ކިލޯއަކުން 200ރ ވަރު އަގުހެޔޮވާނެއެވެ.
ތަކެތީގެ އަގުތައް ދަށަށްދާން ފަށާފައިވާ އިރު، ތޮއްޑޫ ކަރާގެ އަގުވެސް މިއަދު ބާޒާރުގައި ދަށެވެ. މާރުކޭޓުގެ ގޮޅިއަކުން ތޮއްޑޫ ކަރާ ކިލޯއެއް 20ރ އަށް ވިއްކަމުންދާ އިރު، ބައެއް ގޮޅިތަކުން 22-24ރ އަށްވެސް ކަރާ ލިބެން އެބަހުއްޓެވެ. އަދި ބައެއް ގޮޅިތަކުން ކުރީގެ އަގު، ކިލޯއެއް 25ރ އަށްވެސް ވިއްކަމުން އެބަދެއެވ
ލުނބޯގެ އަގަށް ބަލައި އިރު، ބާޒާރުގައި ލުނބޯގެ އަގަކަށް އަދިވެސް ބަދަލެއް ނާދެއެވެ. މާރުކޭޓު ގޮޅިތަކުން މިއަދު ލުނބޯ ކިލޯއެއް ވިއްކަމުން ދަނީ 90-100ރ އަށެވެ. ނަމަވެސް ގިނަ ގޮޅިތަކުން އެންމެ ތާޒާ ލުނބޯ ވިއްކަން ހުރީ ކިލޯއެއް 120ރ އަށެވެ. ވިޔަފާރިވެރިން ބުނާގޮތުން ލުނބޯ އަދިވެސް ލިބުން ދައްޗެވެ. އަދި ބޮޑު ޑިމާންޑެއް އޮންނައިރު، ސަޕްލައި ދަށްވެ، އިމްޕޯޓްކުރަން ކުރަންޖެހޭ ހަރަދު ބޮޑުވުމުން ލުނބޯގެ އަގު ދަށް ނުވަނީއެވެ.
ކަންނެލި: 35-60ރ އަށް ކިލޯއެއް
ކަނޑުމަސް: 40-30ރ. އަށް ކިލޯއެއް
ކުދި ގިނިމަސް، ފިލޮޅު، ރަތްމަސް: 50ރ
މުށިމަސް: 20ރ އަށް ފަސް މަސް
ދޮންމަސް: 20ރ އަށް ފަސް މަސް