ޚަބަރު

އަޅުގަނޑަކީ ސަރުކާރު މެމްބަރެއް ނޫން: ބޮންޑޭ

އިބްރާހިމް ޒަކީ

އޭނާއަކީ ސަރުކާރުގެ މެމްބަރެއް ނޫން ކަމަށާއި އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ރައްޔިތުންގެ ހޮވާފައިހުރި މެމްބަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުންފުނީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ބޮންޑޭ ވަނީ ސަރުކާރުތެރޭގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގަމުންގެންދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ދިވެހި ސަރުކާރުގެ ވުޒާރާއަކުން ކޮރަޕްޝަން ހިންގާތީ އެކަން ހުއްޓުވަން ސިންގަލް ވިންޑޯއަކުން، ވިޔަފާރި މުއާމަލާތް ކުރެވޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކޮށް ހިންގުމަށް އޭޑީބީން ދިން 100 މިލިއަން ރުފިޔާއިން ދުބާއީގައި ވަގު ކުންފުންޏެއް ހަދައިގެން 20 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށާއި އެކަން ތަހުގީގު ނުކުރެވޭ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ، އޭނާއަކީ ސަރުކާރު މެންބަރެއް ނޫން ކަމަށާއި އޭނާ އެމްޑީޕީގެ ފަރާތުން ދިވެހި ރައްޔިތުން މަޖިލީހަށް އިންތިހާބު ކުރީ ޖަވާބުދާރީ ކުރުވަން ކަމަށެވެ. ނަމަވެސް އެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ސަރުކާރު މެންބަރެއް ނޫން، ރައްޔިތުންގެ ފަރާތުން އަޅުގަނޑު މިތަނަށް މިހިރީ އެމްޑީޕީގެ ފަރާތުން ހޮވާފައި ހުރި މެމްބަރެއް، އަޅުގަނޑު މިތަނަށް ފޮނުވީ ޖަވާބުދާރީ ކުރުވަން،" ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިން ބޮންޑޭއަކީ، އެ އިންތިހާބުގެ އެއް ކެނޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދުކުރައްވާ މެމްބަރެކެވެ. ފަހަކަށް އައިސް އިންތިއަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލިސް ބަހުސްގައި، އިންތިއާ ވާދަވެރި ކެނޑިޑޭޓް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހިމެނޭ ގޮތަށް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން މިއަދުގެ ބަހުސްގައި ބޮންޑޭވެސް ވަނީ ސަރުކާރަށާއި ވަޒީރުންނަށް އަދި ހާއްސަކޮށް އިކޮނޮމިކް މިނިސްޓްރީއަށް ފާޑުވިދާޅުވެފައެވެ.

ބޮންޑޭ ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތައް އޮތް ގޮތުން ޖަވާބުދާރީ ނުކުރެވޭ ކަމަށާއި ޖަވާބުދާރީ ކުރުވަން މަޖިލީހުގައި ތިބޭ ފަރާތްތައް ވަޒީރުގެ ދިފާއުގައި ވާހަކަދައްކައި، ކޮރަޕްޝަންތައް ފޮރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުންފުނިތަކާބެހޭ ބިލު ފެންނަނީ ކުންފުނިތައް ހަދައިގެން ރައްޔިތުން އިސްތިއުމާރު ކުރާ ބިލެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.