ޝަހީދާ އަބްދުﷲ ސައީދު
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދުމަށް އެހީތެރިވެދިނުން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ޕާޓީން އެންމެ ބޮޑަށް އިސްކަންދޭނީ ދީނީ ސިޔާސަތުތަކާއި އިޖުތިމާއީ އިގުތިސާދީ ސިޔާސަތުގެ އިތުރުން ތަރައްގީގެ ސިޔާސަތުތަކަށް ކަމަށެވެ.
އަދި އެސިޔާސަތުތައް ތަންފީޒު ކުރުމަށް ޕާޓީން އެހީތެރިކަން ދޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކުރިން ޕާޓީން އެކުލަވާލި މެނިފެސްޓޯގައި 36 ސިޔާސަތެއް ހާމަކޮށްފައިވާނެ ކަމަށާއި އެސިޔާސަތުތައް މިހާރުވަނީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިފައި ކަމަށެވެ.
އަދާލަތު ޕާޓީން މަޖިލީހުގެ ކެމްޕެއިނުގައި ބޭނުންކުރަމުން އަންނަ ސްލޯގަންއަކީ ''ސަތިރީސް'' އެވެ. އެއީ އެޕާޓީން އެކުލަވައިލި މެނިފެސްޓޯގައި ހިމަނާފައިވާ އެންމެ މުހިންމު 36 ސިޔާސަތެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ކެމްޕެއިން މެނޭޖަރު އަހުމަދު ނުއުމާނު ވިދާޅުވީ މަޖިލިސް ކެމްޕެއިނުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރަން އުނދަގޫ ކަމެއް ނެތް ކަމަށާއި އެމްޑީޕީއާ އެކު އިތުރަށް ކުރިއަށް ދިއުމަށް ބޭނުންވާ އުންމީދުތަކެއް ވެސް އެބަހުރި ކަމަށެވެ.
ކެމްޕެއިން ތެރޭގައި ރިވެތި އަހުލާގު ގެއްލޭނެ އެއްވެސް ކަމެއް ފެނިގެން ނުދާނެ ކަމަށާއި އެއް ޕާޓީން އަނެއް ޕާޓީއަށް އިހުތިރާމް ކުރާނެ ކަމަށް ނުއުމާނު ވިދާޅުވިއެވެ.
މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ވާދަކުރަނީ ނުވަ ދާއިރާއަކަށެވެ.