ޝަހީދާ އަބްދުﷲ ސައީދު
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓް ކަރުދާހުގައި ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ވޯޓްކަރުދާހުގައި ކޮމިޝަނުގެ ތައްގަނޑެއް ޖަހާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ވޯޓް ކަރުދާސްކޮޅު ދޫކުރުމުގެ ކުރިން ކޮންމެ ކަރުދާސްކޮޅެއްގައި ވެސް އެކޮމިޝަންގެ ތައްގަނޑެއް ޖަހާނެ ކަމަށެވެ.
އަދި އެއީ އެހެން އަހަރުތަކާ އަޅައިބަލާއިރު ވޯޓް ކަރުދާހުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކުރާ ކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.
އެގޮތުން ތައްގަނޑު ޖެހުމުން އެކަަރުދާސްކޮޅަކީ ސައްހަ ކަރުދާސްކޮޅެއްކަން ވޯޓްފޮށި ބަލަހައްޓަން ހުންނަ މީހާއަށް ޔަގީންކުރަން ފަސޭހަވެގެންދާނެ ކަމަށާއި އެގޮތަށް އެކަން ކުރަން ނިންމީ ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ޝަކުވާތައް މަދު ކުރުމަށް ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބޭނުންކުރާނެ ވޯޓް ކަރުދާސް ޗާޕު ކުރުމަށް އަންނަ ހަފުތާތެރޭގައި ބިޑަށް ހުޅުވައިލާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
އަދި މީގެކުރިންވެސް ރާއްޖެއިން ބޭރުން ވޯޓް ކަރުދާސް ޗާޕުކޮށްފައި ނުވާތީ މިފަހަރުގެ އިންތިހާބުގައިވެސް ރާއްޖެއިން ބޭރުން ވޯޓް ކަރުދާސް ޗާޕުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.