މިދިޔަ މިދިޔަ ހަފުތާގައި 665 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 177،658 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ މަހުގެ 27 އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދުން 72 މީހަކާއި އަތޮޅުތެތެރެއިން 481 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. މި މުއްދަތުގައި މި ބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ބޮޑުތަނުން ދަށްވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ ހަ މީހުންނެވެ. އަދި ހޮނިހިރު ދުވަހު ޕޮޒިޓިވްވެފައިވަނީ ހަތަރރު މީހުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ކޭސްތަކުގެ އަދަދު ދަށަށް ގޮސްފައިވާއިރު ބައްޔަށް ޓެސްޓްކުރާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އަދި މުޅި ރާއްޖޭގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މިހާރު 11 ޕަސެންޓްގައި ހުރިއިރު، މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓު ހުރީ ހަތަރު ޕަސެންޓްގައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 297 މީހަކު ވަނީ މަރުވެފައެވެ. އެއީ 278 ދިވެހީންނާއި 19 ބިދޭސީންނެވެ.
ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިމަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.