އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި، ލެސްޓާގެ ވެސްލޭ ފޯފާނާ ރޯދައަށް ހުރެ ދެއްކި ކުޅުމަށް ކޯޗު ބްރެންޑަން ރޯޖާސް ތައުރީފުކޮށްފިއެވެ.
ޔުނައިޓެޑާއި ލެސްޓާ ރޭ ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ލެސްޓާ މޮޅަށް ކުޅެ މޮޅަކާއެކު މެޗު ނިންމާލުމާ ގާތަށް ޖެހިލިތަން ފެނިފައިވާ އިރު، ޔުނައިޓެޑުން ލެސްޓާ ހިފެހެއްޓީ އުނދަގުލުންނެވެ. މެޗުގައި ލެސްޓާގެ ފަހަތް ހިފެހެއްްޓުމަށް ރޭގެ މެޗުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ފޯފާނާއެވެ. ފޯފާނާގެ ކުޅުން ރޭ ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ އިރު، ރޭގެ މެޗަކީ މިދިޔަ އަހަރު މާޗު މަހު ލިބުނު ބޮޑު އަނިޔާއަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.
މިދިޔަ އަހަރު މާޗު މަހު ފޯފާނާގެ ފައި ބިންދައިގެން ދިޔައިރުވެސް އޭނާ ރަނގަޅު ފޯމެއްގައި ކުޅެފައިވާ އިރު، ރޭގެ މެޗަށްފަހު ރޯޖާސް ބުނެފައި ވަނީ ރޯދައަށް ހުރެ ފޯފާނާ ދެއްކި ކުޅުމުން އެނގިގެން ދަނީ "ފޯފާނާގެ ފެންވަރު މޮޅުކަން،" ކަމަށެވެ.
"މެޗަށް ނުކުތީ ރަމަޟާން މަހުގެ ފުރަތަމަ ރޯދަ ހިފައިގެން ހުރެ. އެއްވެސް އެއްޗެއް ނުކައި، އެއްވެސް އެއްޗެއް ނުވެސް ބޮއެ އެ ކުޅެނީ. އެހެންވީމަ ރޯދައަށް ހުރެ އެ ފެންވަރުގައި ކުޅުމުން ދައްކުވައިދެނީ ފޯފާނާއަކީ ފެންވަރު ރަނގަޅު ކުޅުންތެރިއެއްކަން،" ރޯޖާސް ބުންޏެވެ.
ފޯފާނާގެ ރޯދައަށް މިދިޔަ އަހަރުގެ ލީގުގައިވެސް ވަނީ ސަމާލުކަން ހުއްޓިފައެވެ. މިދިޔަ ސީޒަންގައި ލެސްޓާއިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ލެސްޓާގެ ފޯފާނާއާއި ޕެލެސްގެ ޗެކޯ ކަޔޯޓޭ ރޯދަ ވީއްލަން ހާއްސަ ވަގުތުކޮޅެއް ރެފްރީ ދިނީ، ފޯފާނާ އާއި ކަޔޯޓޭ މެޗު ނުހުއްޓައި އެއް އަރިމައްޗަށް ޖެހި ރޯދަ ވީއްލަން އުޅެނިކޮށެވެ. އެ ވަގުތުކޮޅުގެ މަންޒަރާއެކު ލީގަށް އާ އުސޫލެއް ހެދިއެވެ. ޓީމުތަކުގައި މެޗު ތެރެއިން ރޯދަ ވީއްލަން ޖެހޭ ކުޅުންތެރިއެއް ހުރި ނަމަ، އެ ޓީމެއްގެ ކެޕްޓަން މެދުވެރިވެ މެޗު ފެށުމުގެ ކުރިން އެކަން ރެފްރީއަށް އަންގަން ލީގުން އެންގިއެވެ. އެއީ މުސްލިމް ކުޅުންތެރިޔާ ރޯދަ ވީއްލަން ހާއްސަ ވަގުތުކޮޅެއް ދިނުމަށެވެ.
މި ސީޒަނުގައިވެސް އެ އުސޫލަށް އަމަލުކުރަން ލީގުން ވަނީ ނިންމައިފައެވެ.