ޚަބަރު

ރޯދައިގެ މެސެޖު (1)

އިބްރާހިމް ޒަކީ

ތާބިއީ ބޭކަލެއް ކަމަށްވާ ސުހެއިލު ބުނު އަމްރޫ ދަތުރެއްގައި ނުކުމެ ވަޑައިގެން އުޅުއްވަނިކޮށް، މަގުފޭރޭ ބަޔަކާ ބައްދަލުވިއެވެ.

އެމީހުން، އެކަލޭގެފާނު ބަނުމަށްފަހު އެކަލޭގެފާނުގެ މުދާތައް އަތުލިއެވެ. އެއަށްފަހު އެމީހުން ސުފުރާއެއް ތައްޔާރުކޮށް ކާން އިށީނެވެ. އޭގެ ތެރެއިން އެއްބަޔަކު ކާން އިށީނުމަށްފަހު އެމީހުންގެ ތެރެއިން އިސްކޮށް ހުރި މީހާއަށް ކާން ދައުވަތުދިނެވެ. އެހިނދު އޭނާ ޖަވާބުގައި ބުނީ "ތިމަންނަ މިހިރީ ރޯދައަށޭ،" އެ އަޑު އައްސަވައި ސުހެއިލު ބުނު އަމްރޫ ސިއްސައިގެން ގޮސް ހިނިވަރުނަ ކުރެއްވިއެވެ. އޭގެ ޖަވާބުގައި ތިމަން މި އަމަލުގެ މަތީގައި ދެމިހުރި ކަމަށްވީ ނަމަވެސް، ﷲ އަށްޓަކައި ތިމަންނަގެ ހަޔާތުގައި ހުޅުވާފައިވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން، ތިމަންނަ ބޭނުމެއް ނޫން ކަމަށާއި، ތިމަންނަ އުއްމީދު ކުރަމޭ ކޮންމެވެސް ދުވަހަކުން އެ ދޮރުން ވަދެ އެކަލާނގެ ހަޒުރަތަށް ރުޖޫއަވެ ކުއްތަންވާން.

އޭގެ ދުވަސްތަކެއް ފަހުން ކައުބަތުﷲ ގެފުޅު ކައިރިން ސުހެއިލު ބުނު އަމްރާ އެމީހާ ބައްދަލުވެއެވެ. ނަމަވެސް ސުހެއިލު ބުނު އަމްރޫއަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް އޭނާއަށް ސުހެއިލު ބުނު އަމްރޫ އެނގިވަޑައިގެން ދެންނެވި، ތިމަން އެ ދުވަހަށްފަހު އަޒުމު ކަނޑައަޅައި އެކަމުން ދުރުވެ ސާބިތުވީ ﷲއަށް ކުއްތަންވުމުގެ މަތީގައެވެ.

"ލޮބުވެތި އަހުންނާއި އުހުތުން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ފާފަ ކުރެވޭނޭ މީހެއް، އަދި ބައެއް މީހުންނަކީ އެމީހުންގެ ފާފަ ވަރަށް ގިނަ ވެފައިވާ ބައެއް، ނަމަވެސް އެއްވެސް ހާލެއްގައި އެއީ ﷲ އަށްޓަކައި ހަޔާތުގައި ހުޅުވާފައި ބަހައްޓަންޖެހޭ ހުރިހާ ދޮރުތައް ބަންދުކުރަންވީ ސަބަބެއް ނޫން. އަޅުގަނޑުމެންނާ ބައްދަލުވެފައި މިވާ ރަމަޟާން މަހާއި، އެމަހުގެ ރޯދައަކީ ވަރަށް ފަހި، އަދި ތަނަވަސް ދޮރެއް، އެ ދޮރުން ވަދެ، ﷲ ތައާލާއަށް ކުއްތަންވެ އެކަލާނގެ ހަޒުރަތަށް ރުޖޫއަވެ ތައުބާވަމާ ހިންގަވާ،"

މެސެޖު ދެއްވީ: އަލްއުސްތާޛް މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް / އިލްމު އިންސްޓިޓިއުޓް